ގއ. ވޮޑުމުލާ ރިސޯޓްތަރައްގީކުރުން އަވަސްކޮށްދިނުމަށާއި އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުމަށް ބޭނުންވާކަމަށް ދާންދޫ ކައުންސިލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހު ދަންނަވައިފި އެވެ.

އެ ކައުންސިލުން މިހެން ދަންނަވާފައިވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އެރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙާއެކު މިއަދު ބޭއްވެވި މަޝްވަރާގަ އެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ވޮޑުމުލާ ދާންދޫގެ އިހްތިސާސްގައި ހިމަނަން ރައްޔިތުން ބޭނުންވާކަން ވެސް ވަނީ ކައުންސިލުން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ސްކޫލްގެ ތައުލީމީ މަންހަޖަށް ކޮމްޕިއުޓަރ ސްޓަޑީސް އާއި އައިސީޓީ އިތުރުކޮށްދެެއްވުމަށް ވެސް ދަންނަވާފަ އެވެ.

ދާންދޫ އ.ތ.މ. ކޮމިޓީ އިން ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ޤާއިމްކުރުމާއި އިންޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުން ފަދަ ކަންކަން ރައީސް އާ ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދާންދޫގެ ތަރައްގީއާ ގުޅޭ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފަ އެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ދާންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.