މި ސަރުކާރުގެ ދައުރު ނިމިގެންދާއިރުގައި، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރަށްރަށުގެ ބަނދަރު ހެދުމާއި، ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވައިލުމަކީ، ރާއްޖޭގެ އިޤްތިޞާދު، އޭގެ ހަލުވިމިނުގައި ކުރިއަރާނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި އެއްތަނުން އަނެއް ތަނަށް މީހުންނަށް ދަތުރުކުރެވުމާއި، އެއްތަނުން އަނެއް ތަނަށް މުދާ ގެންދެވުމާއި، މިއީ އެއާނުލައި ޤައުމެއް ތަރައްޤީ ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބައެއް މީހުންނަށް އެއީ ބޮޑު ހިލަ ބަނދަރަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް ބަނދަރެއް އޮތުމުން ވާ ފަސޭހަ އިހްސާސް ކުރެވޭނީ، އެކަމުގެ ތަކުލީފާއި އުނދަގޫ އިޙްސާސްކުރާ މީހުންނަށާއި، ރަށްރަށުގައި އުޅޭ އޮޑިދޯނިފަހަރު ގެންގުޅޭ މީހުންނަށް ކަމަށް ވިދާޅުވިއެވެ.

''ކޮންމެ ރެޔަކު ހޭލައި، ބަނދަރުމަތީގައި ދޯންޏަށްވާގޮތް ބަލަން ތިބެންޖެހުނީމަކާ، އަނެއް ދުވަހަކު ތެދުވެ މަސައްކަތެއް ނުކުރެވޭނެ.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން ހުރި ހުރިހާ ރަށެއްގައި ރަނގަޅު ބަނދަރުތައް ހަދައިދިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަވަމުންދާކަމަށާއި، އެތަންތަން ހެދެމުންދާ ކަމަށެވެ.

''އިރާދަކުރެއްވިއްޔާ، މި ދައުރު ނިމިގެންދާއިރުގައި، ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް އަރުވަން.'' ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދާންދުއަށް، މިދާންދުއަށް ވެސް ކަންތައްތަކެއް ކޮށްދޭން ވަޢުދުވެވަޑައިގަތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ ބޭނުންތަކެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރައްޔިތުންނާ ބައްދަލު ކުރުމުން އެ ބޭނުންތަކުގެ ލިސްޓެއް ލިބުނުކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ އެމަނިކުފާނު ދާންދުއަށް ކުރިން ވީ ވަޢުދުތަކާ އެއްގޮތަށް، މިހާރުވެސް އެރަށުގައި 12 އަށްވުރެ ގިނަ ތަފާތު އެކި ޕްރޮޖެކްޓް ހިނގަމުން އަންނަކަން ފާހަގަ ކުރަށްވާފައެވެ.