ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން މިހާރު ކުރިޔަށްދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގައި ހިމެނޭ ހޭންޑް ބޯލް މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ފެލްކަންސްއިން ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.
މި މެޗު ފެލްކަންސްއިން ކާމިޔާބުކުރީ ކަސަބްއާއި ވާދަކޮށް 11-5 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަހާފް ނިމުނީ 5-1 ގެ ނަތީޖާއިން ފެލްކަންސް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފްގައި ކަސަބްއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ދެގޯލަށް ކައިރި ކުރިއެވެ. ފެލްކަންސްއިން މެޗުގެ ނަތީޖާ ފަރަގު ބޮޑުކުރީ މެޗުގެ ފަހު ވަގުތު ކައިރި ކައިރީގައި ކާމިޔާބު ކުރި ގޯލު ތަކުންނެވެ. މިއީ މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ.
މި މެޗުގެ މޮޅު ކުޅުން ތެރިޔާއަށް ހޮވިފައިވަނީ ފެލްކަންސްގެ ޖާރޒީ ނަމްބަރ 10 އައިމިނަތު ޝަޒުފާ އެވެ.
މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެންއެޗްސީ ގެ މައްޗަށް މަކުނުދޫ ހޭންޑްބޯލް ޓީމް ކުރިހޯދީ 12-4 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑް ނެގީ އެންއެޗްސީ އެންނެވެ. މަކުނުދޫ ޓީމުން އެއްވަރު ކުރުމުން ދެވަނަ ފަހަރަށްވެސް ލީޑްނެގީ އެންއެޗްސީ އިންނެވެ. އެންއެޗްސީ ޓީމަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ މަކުނުދޫއިންވަނީ ކައިރި ކައިރީ ތިން ގޯލު ޖަހައިފައެވެ.
މަކުނުދޫ ޓީމަކީ މިމުބާރާތުގައި އަލަށް ވާދަކުރާ ޓީމެކެވެ.
މެޗުގެ މޮޅު ކުޅުން ތެރިޔާއަށް ހޮވިފައި ވަނީ މަކުނުދޫ ޓީމްގެ ޖާޒީ ނަމްބަރ 18 ފާތިމަތު ޔާސްމީން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!