ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހާއްސަ ބަލިތަކަށް އެޕޮއިންޓްމަންޓް ހައްދައިދޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހިސްޕިއޓަލުން (ކޭއާރުއެޗް) ހާމަ ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ގެނައުމަށް ނިންމާފައިވާ މައިގަނޑު ބަދަލަކީ ހާއްސަ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް ދެ ހަފްތާކުރިން އެޕޮއިންޓްމެންޓް ހެއްދޭގޮތަށް މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކޮށް، ކުރިއަށް އޮންނަ ތިން ދުވަހަށް އެޕޮއިންޓްމެންޓް ހެއްދޭ ގޮތަށް ބަދަލު ގެނައުމެވެ. މިގޮތުން ކޮންމެ ދުވަހަކު ވެސް އެއް ދުވަހަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުޞަތު ހުޅުވާލަމުން ގެންދާނެއެވެ.

Ad
rt

އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ މިހާރު އެޕޮއިންޓްމަންޓް ހައްދަވާ ބޭފުޅުންގެ ފަންސާސް އިންސައްތައަށް ވުރެ ގިނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް ވަޑައިނުގަންނަވާތީ، އެޕޮއިންޓްމަންޓް މުހިންމުވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ފަސޭހައިން ލިބުމުގެ އިންތިޒާމް ހަމަޖެއްސުމެވެ.

ހާއްސަ ބަލިތަކުގެ އެޕޮއިންޓްމަންޓް ހެއްދުމުގައި މިހާރު އަމަލު ކުރެވެމުންދާ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 ވަނަ ދުވަހެވެ.