ހުޅުމާލޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 491 ވީލްޗެއާ ރޭމްޕް ގާއިމް ކޮށްފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެގެން އަންނައިރު އެތަނުގައި ދިރިއުޅެމުންދާ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް އެ ކުންފުނީގެ ފަރާތުން ގެންނަމުންދާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ ކުންފުނިން ބުންޏެވެ.

Ad
rt

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވެސް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ވަނީ އެކި ސަރަހައްދުތަކުގައި މި ރޭމްޕުތައް ގާއިމްކޮށްފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން އެތަންތަނުގައި ވެސް އެޗްޑިސީން ވަނީ ވީލްޗެއާ އެކްސެސް ގާއިމް ކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަކޮށް ރޭމްޕް ވަނީ ގާއިމްކޮށްފައެވެ.

ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕް ހެދުމުގެ ސަބަބުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީއާއި ނުލައި ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކޮށްލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މިކަމުގެ ސަބަބުން އެ ފަރާތްތަކަށްވެސް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑުވާނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިހާރު ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައިވެސް ވީލްޗެއާ ރޭމްޕް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.