ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ގއ އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ތިލަދުން" އަށް ވިދާޅުވީ ރައީސްގެ ދަތުރުފުޅުތައް ހަމަޖެހެމުންދާ މިންވަރަކުން ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.
"ރައީސްގެ ދަތުރުފުޅުތަކުގެ ޑިޓެއިލްސް އިއުލާން ކުރާނަން ދަތުރުފުޅުތައް ހަމަޖެހެމުންދާ މިންވަރަކުން." މިއުވާން ވިދާޅުވި އެވެ.
ބައެއް މަސްދަރުތަކުން ވިދާޅުވެފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މީގެ އިތުރުން އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ސާލިހު ނިންމަވައި، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި އެމްޑީޕީގެ ގައުމީ ކައުންސިލްގެ ބައެއް ބޭފުޅުންނާ އެކު ވަނީ ބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ.
އެގޮތުން ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު ހަމަޖައްސަވާފައިވާއިރު، މާލޭ ސިޓީގެ ކެމްޕޭންގައި އިސްކޮށް ހުންނަވާނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށާއި ލީގަލް ޑައިރެކްޓަރަކަށް ހުންނަވަނީ ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ކަމަށް ވަނީ ހަމަޖައްސަވާފަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ވެސް ވާދަ ކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ކެމްޕެއިން ފައްޓަވައި ތާއީދު ފޯމް ފުރުމުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅަން ޖެހެނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!