ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ފޮނުވާލާފައި ވަނީ އިންޑިއާ އަށެވެ.

Ad
rt

ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ނިޝާމާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަހު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުގައި ހުއްޓާ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ.

އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ތެރޭގައި ލިބުނު އަނިޔާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު 19 ވަނަ ދުވަހުގެ 08:28 ހާއިރު ވަނީ ނިޔާވެފައެވެ.

ފައިސަލް ނިޔާވުމުން އޭނާގެ ހަށިގަނޑު މިމަހުގެ 20 ވަނަ ދުވަހު މާލެ ގެނެސް ޢާއިލާއާއި ހަވާލު ކުރުމުން، އެރޭ އޭނާގެ ޖަނާޒާ ވަނީ ބާއްވާފައެވެ. ފައިސަލްގެ ހަށިގަނޑު ވަޅުލާފައި ވަނީ އާސަހަރާގައެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުންގެ ތަހްގީގު ޓީމުން ނިންމީ އޭނާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.