މާލޭގެ ވަށާލެވިފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ ރަމްޒެއް ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މޮނިއުމަންޓް އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.
އުސްފަސްގަނޑުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ މިއީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށާއި، މިއީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ސްކޫލްތައް ވެސް ޖަޕާނު ސަރުކާރުގެ އެހީގައި އަޅައިދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި 1987 ވަނަ އަހަރު، މާލޭގެ ވަށާ ލާފައިވާ ތޮއްޓަކީ ރާއްޖޭގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް މިހައިތަނަށް ވެސް ހިންގާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
މުޅި މަޝްރޫއު ނިންމުމަށް ގާތްގަނޑަކަށް 15 އަހަރު ހޭދަވެފައިވާއިރު، އެންމެ ޒަމާނީ ފެންވަރަށް "ޓެޓްރަޕޮޑް" ގައު ބޭނުންކޮށްގެން ލާފައިވާ ބޭރު ތޮއްޓަކީ، މޫސުމީ އެކި ކާރިސާތަކުން މާލެ ސަލާމަތްކޮށްދިން މަޝްރޫއެކެވެ.
މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކޮށް، އޭރުގެ އަޑި ޕާކުގައި "ޓެޓްރަޕޮޑް" ގަލެއް ބައިންދާ ހާއްސަ މޮނިއުމަންޓެއް ހަދައި، މި ގައު ނަގާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި، ސިނަމާލެ ބްރިޖްގެ މަސައްކަތަށެވެ.
އެއަށްފަހު، މި ގައު އަލުން ބައިންދާފައި މިވަނީ ޖަޕާނާއި ރާއްޖޭގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ނެވެ.
މިކަމަށްޓަކާ އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މިކަން ޝަރަފުވެރިކޮށްދެއްވީ ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!