މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ސޭފްޓީ ވީކް ހަރަކާތްތައް ފަށައިފި އެވެ.

މި ހަރަކާތްތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ "ތިލަދުން" އަށް ވިދާޅުވީ ޕޯޓްސް ސޭފްޓީ ވީކަކީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ފާހަގަކުރާ ހަފުތާއެއް ކަމަށެވެ.

Ad
rt

ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މި ހަރަކާތް ނުބޭއްވުނު ނަމަވެސް، މިއީ އެ ކުންފުނިން ބާއްވާ މިފަދަ ތިން ވަނަ ޕްރޮގްރާމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ވީކްގެ މައިގަނޑު ބޭނުމަކީ ޕޯޓުގެ ތެރޭގައި ހިންގޭ މަސައްކަތުގެ ކުރެވޭ ހުރިހައި ކަމެއްގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރެވޭ މަސަައްކަތެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި އެފަދަ ކަންކަމަށް އެ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތައް އަހުލުވެރި ކުރުވުން ކަމަށެވެ.

މީގެ އިތުރުން ކޮންމެ ސޭފްޓީ ވީކެއްގައި ވެސް އަމާޒަކީ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ޓްރެއިނިންގ ޕްރޮގްރާމް ހިންގައި، ޕޯޓާއެކުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ކުރެވޭ މަސައްކަތުގައި ވެސް އެ ފަރާތްތަކަށް ވެސް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ސޭފްޓީ ވީކްގައި ހިންގާ ހަރަކާތްތަކާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ސޭފްޓީ ފޯރަމް އާއި ސޭފްޓީ ޕްރޮގްރާމުތައކާއި ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ހިމެނޭ ކަމަށެވެ. އަދި ސޭފްޓީ ޑްރިލްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"އެމެޖެންސީ ރެސްޕޮންސް ޑްރިލްތަކެއް ހިންގާނެ. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކިނިހެއްތޯ ހަދާނީ. އެކްސިޑެންތެއް ހިނގައިފިއްޔާ އަޅުގަނޑުމެން ކިހިނެއްތޯ ހަރަކާތްތެރިވާނީ." ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓްރެއިނިންގ ޕްރޮގްރާމުތަކުގައި އެމްއެންޑީއެފް، ކޯސްޓްގާޑު އާއި ދިވެހި ފުލުހުންގެ ހިދުމަތުން ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ސޭފްޓީ ވީކަކީ މަސައްކަތުގެ މާހައުލެއްގެ ނުރައްކާތެރިކަމެއްކަން ހުރިހައި އެންމެންނަށް ވެސް އެނގި، މަސައްކަތުގައި ބޭނުންކުރަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ އާލާތްތަކާއި މަސައްކަތްކުރާއިރު އަޅަންޖެހޭ ހުރިހައި ފިޔަވަޅުތައް އަޅައިގެން މަސައްކަތްކުރަން ޖެހޭ ބައެއްގެ ގޮތުގައި ހެދުން.

ފާއިތުވި އަހަރުގެ ސޭފްޓީ ވީކްގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށާއި މިއަހަރުގެ ސޭފްޓީ ވީކްގައި ޑްރިލްތަކާއި ސޭފްޓީ ފޯރަމް ވަރަށް އެކްސްޓެންސިވްކޮށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.