ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހެލްތު ސެންޓަރ ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމާއި ފެނަކަ ފޯކައިދޫ ހޭންޑްބޯޅަ ޓީމެވެ. މި މެޗު 15 ލަނޑު 13 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރ ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހެލްތު ސެންޓަރ ޓީމުގެ ޖޯޒީ ނަމްބަރު 13، ފާތިމަތު ނިއުޝާއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައި ވަނީ ފެނަކައިގެ ޖޯޒީ ނަމްބަރު 8، އައިމިނަތު ރިޝްތާއާއި އެ ޓީމްގެ ޖޯޒީ ނަމްބަރު 7، ޝީޒާ އިބްރާހީމްގެ އިތުރުން ހެލްތު ސެންޓަރ ޓީމުގެ ޖޯޒީ ނަމްބަރު 13، ފާތިމަތު ނިއުޝާއެވެ.

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ، ފޮޓޯ: ފޯކައިދޫ ކައުންސިލް

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ ހެލްތު ސެންޓަރ ޓީމްގެ ކީޕަރު، އައިމިނަތު ހަމީދާއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޑަބްލިއުޑީސީ ޓީމްގެ ޖޯޒީ ނަމްބަރު 7، ފާތިމަތު ޝިފާނާއެވެ.

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާއަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 5، ސަވްދާ އަބްދުﷲއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހެލްތު ސެންޓަރ ޓީމްގެ ޖޯޒީ ނަމްބަރު 57، މަރިޔަމް ނާއިޝާ މަންސޫރެވެ.

މިއީ ފޯކައިދޫގައި ހޭންޑްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރި މުބާރާތެކެވެ.