ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި އަހަރުގެ ނޮވެންބަރު 28 ގައި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

Ad
rt

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ [ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993] ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނު ތަންފީޛުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، ޑިފެންސް ނިސްޓްރީގެ ޚާއްޞަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފަވެއެވެ.

މީގެ އިތުރުން ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން، ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި ބިލުގައި ބަޔާންކޮށްފައިވާ ޤަވާޢިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހަދައި ޝާއިޢުކުރަންޖެހެއެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައީސް މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.