މިއަދުގެ ސެމީ ފައިނަލް މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ޒިގެޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާއިރު، ވަކި ކުޅުންތެރިއަކަށް ޓާގެޓެއް ނުކުރާނެ ކަމަށް ޒިގްޒެގްގެ ކޯޗު މުހައްމަދު ޢަލީ (ރެޑޭ) ބުނެފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މި ދެ ޓީމު ބައްދަލު ކުރާނީ މިއަދު ހަވީރުއެވެ.
މެޗުގެ ކުރިން ޒިގްޒެގްގެ ކޯޗް ރެޑޭ ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، ކުޅުނު ހަރަތު މެޗުގެ ތިން މެޗު ކާމިޔާބުކޮށްގެން ސެމީއާއި ހަމައަށް އާދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ޒިގްޒެގް ޓީމް ގްރޫޕް ސްޓޭޖްގައި ދެއްކި ކުޅުމާމެދު ވަރަށް އުފާވާ ކަމަށެވެ.
ބައެއް ކުޅުންގެ އެންޖަރީގެ މައްސަލަ ހުރިނަމަވެސް ޖުމްލަ ގޮތެއްގައި ޓީމް އޮތީ ވަރަށް ފިޓްކޮށް ކަމަށް ރެޑޭ ބުންޏެވެ.
އިދިކު ޓީމް، ސްކައިއާއި ގޫޅޭގޮތުން ރެޑޭ ބުނީ، އެ ޓީމަކީ މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. ހާއްސަކޮށް އެ ޓީމުގެ އެޓޭކިން ފުދޭވަރަކަށް ވަރުގަކަމަށް ބުންޏެވެ. އަދި އެޓީމު ފެންނަނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ.
''ސީދާ ވަކި ކުޅުންތެރިއަކަށް ޓާގެޓްކޮށް ހުއްޓުވާކަށް ނޫން، ސީދާ އަޅުގަނޑުމެންގެ ގޭމު ކުޅެން އަޅުގަނޑުމެން އަރާނީ، އޭގެ ތެރޭގައި ޑިފެންސްވެސް ކުރާނެ، ވަކި ކުޅުންތެރިއަކަށް ހާއްސަ ގޮތްތަކެއް ހެދުމުގެ ވިސްނުމެއް ނެތް'' ރެޑޭ ބުންޏެވެ.
ޒިގްޒެގްގެ ކޯޗު ރެޑޭ ބުނިގޮތުގައި މި މުބާރާތުގައި ކުޅުންތެރިން ދައްކާ ކުޅުމާމެދު އޭނާ ވަރަށް ހިތްހަމަޖެހެއެވެ. އަދި ސެމީފައިނަލް މެޗުގައި ކުޅުންތެރިންގެ ކިބައިން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ބުންޏެވެ.
ރެޑޭ ވެސް ހުރީ ސްކައިގެ ކޯޗް އިލްހާމެކޭ އެއްފަދައިން މުބާރާތާމެދު ވަރަށް ހިތްހަމަ ޖެހިގެންނެވެ. ރެޑޭ ފާހަގަކުރިގޮތުގައި މުބާރާތުގެ ފޯރި އިތުރަށް ގަދަވާނީ ބައިވެރިވާ ޓީމްތައް އިތުރުވެގެންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުން މިއަދު މޮޅުވާ ޓީމެއް މިމަހު 19 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރަން ޖެހޭނީ ކުލަބް ކޮރަލްސްއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!