ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ވެސް މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ.
މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ކެލާ ވޮލީ ޓީމާއި މުރައިދޫ ވޮލީ ޓީމެވެ. މި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް މުރައިދޫ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
މެޗުގެ ފުރަތަމަ ސެޓް މުރައިދޫއިން ގެންގޮސްފައި ވަނީ 25/18 އިންނެވެ. ދެވަނަ ސެޓް ކެލާ ޓީމުން 25/15 ކާމިޔާބުކުރި އިރު، ޖެހިގެން އައި ދެ ސެޓް 25/15، 25/14 އިން ކާމިޔާބު ކޮށްފައި ވަނީ މުރައިދޫ ޓީމުންނެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
- ލަޝިންދު - މުރައިދޫ
- އިބްރާހީމް ޝަރީފް – މުރައިދޫ
- އަލީ އައްސަދު – ޓީމް ކެލާ
- ހަސަން އިބްރާހީމް – ވަން އެންޑް އޮންލީ ބާރަށް
- މުޙައްމަދު ރިމާޒް – ޓީމް ކެލާ
- އަލީ ޒިޔާމް – ޓީމް ކެލާ
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން، ފޮޓޯ: ބީޒެޑްޑީ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މުރައިދޫ ޓީމްގެ ލަޝިންދު ހޮވިފައިވާއިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އެ ޓީމްގެ އިބްރާހީމް ޝަރީފެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކެލާ ޓީމްގެ އަލީ ނިހާދުއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ ކޯޗް މުޙައްމަދު ނަދީމެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވެސް މުރައިދޫއެވެ.

ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގެ، ފުރަތަމަ 16 މުބާރާތް ބާއްވާފައި ވަނީ ރަށު ފެންވަރުގައެވެ. މިއީ އެންމެ އުތުރުގެ ދެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މިއީ އެ ޖަމްޢިއްޔާގެ 18 ވަނަ މުބާރާތެވެ.
ބާރަށު ޒުވާނުންގެ ދިރުމަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއަކީ ފާއިތުވި 28 އަހަރު ދެވަހުގެ ތެރޭގައި ވެސް ހުއްޓުމެއްނެތި ބާރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހާއްސަކޮށް ރަށުފެންވަރުގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ގިނަ މުބާރާތްތަކެއް އެ ޖަމްޢިއްޔާއިން ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!