ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ފުވައްމުލައް ސިޓީގައި ހުންނަ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި މި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ މިގޮތުން ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަސީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށެވެ.
އެހެންކަމުން މުޖުތަމައަށާއި ގައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ސްކޫލެއްގެ ދައުރަކީ، މުޖުތަމައަށް ފައިދާހުރި، ގައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ސްކޫލުތަކުގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްވެފައިވުމުގެ މުހިއްމުކަމާއި ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިޔަށް ދެވޭނެ ފުރުސަތުތައް ހުރިކަން ފާހަގަކުރައްވައި، އެފުރުސަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.
މި ޖަލްސާގައި ވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިގު މުއްދަތެއްގައި ހިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފަ އެވެ.
މިގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު އެ މަރުކަޒަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ނައިބު ރައީސް އެވެ. އަދި އެމަނިކުފާނަށް ވެސް ވަނީ މިޖަލްސާގައި ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.
1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުޅުވުނު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ މިހާރު، ގްރޭޑް 7 ން ފެށިގެން ގުރޭޑް 12 އަށް ކިޔަވައިދޭ ސްކޫލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!