އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ފެލާލައިފި" ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.

Ad
rt

ޓްވީޓާ މެދުވެރިކޮށ އިދިކޮޅު ކޯލިޝަނުން ޖަލްސާއަކަށް ތައްޔާރުވާކަން ހާމަކުރަމުން އަދުރޭ ވިދާޅުވީ، ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން ''ފެލާލައިފި'' ނަމުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ އޮންނާނީ މިހަުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެރޭގެ 20:30 ގައި މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ޕީޕީއެމުން މާލޭގައި މީގެ ކުރިން ވެސް ވަނީ ޖަލްސާތައް ބާއްވާފައެވެ. ނަމަވެސް މިފަހަރުގެ ޖަލްސާ މިބާއްވަނީ ދިގު މެދު ކެނޑުމަކަށް ފަހުގައެވެ. މާލޭގައި ބޮޑު ޖަލްސާއެއް ނުބާއްވާތާ ގިނަދުވަސްތަކެއްވީ ނަމަވެސް އެ ކޯލިޝަނުން އަތޮޅުތަކުގެ ރަށްތަކުގައި އަންނަނީ ޖަލްސާތައް ބާއްވަމުންނެވެ. މިގޮތުން އެންމެފަހުން ޖަލްސާތައް ބާއްވާފައި ވަނީ މިދިޔަމަހު އައްޑޫ ސިޓީގައެވެ.

އައްޑޫ ސިޓީގެ އިތުރުން ދ. އަތޮޅާއި، ނ. އަތޮޅާއި އަދި ހއ. އަތޮޅުގެ ބައެއް ރަށްތަކުގައި ވެސް މިފަހުން ޖަލްސާތައް ބާއްވާފައިވެއެވެ. އެ ޖަލްސާތަކުގައި ޕީޕީއެމްގެ ރައީސް، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.