ޣާޒީ ސްކޫލްގެ މުވައްޒަފުންތަކެއް އިހްތިޖާޖު ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އަދި ހަގީގަތް އޮޅޭގޮތެއް މިނިސްޓްރީއާއި ސްކޫލް ބަދުނާމުވާ ގޮތައް ޚަބަރު ނުފެތުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

ޣާޒީ ސްކޫލްގައި ހިނގައިގެން އުޅޭ މައްސަލައާއި ގުޅޭގޮތުން މިއަދު އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ޣާޒީ ސްކޫލްގެ އެކި ކަންކަމާގުޅޭ ގޮތުން އެ މިނިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން، ސްކޫލްގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގުޅުންހުރި މައްސަލަތައް ފާހަގަ ކުރެވި އެކަންތައް އިތުރަށް ބެލުމަށް އެ މިނިސްޓްރީގެ އިންޓާނަލް އޮޑިޓް ސެކްޝަނުން އޮޑިޓެއް ހެދިކަމަށް ވިދާޅުވެފަވެއެވެ.

Ad
rt

މި އޮޑިޓް ހެދުމުން ސްކޫލްގެ މުދަލާއި ފައިސާ ޚަރަދު ކުރުމުގައި މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ބައެއް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވި އެކަންކަން ބެލުމަށް އިދާރީ ތަޙްޤީޤެއް ހިންގުނުކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ތަޙްޤީޤް ހިނގި މަރުޙަލާަގައި އިތުރުކަންކަމުގެ މައުލޫމާތުލުލިބި ބަޔާން ނެގުމުގެ މަރުހަލާ ހިންގައި، އެ މަރުހަލާ ދިގުލައިގެ ދިޔަ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް، ތަޙްޤީޤް ނިމި ރިޕޯޓް އެކުލަވާލައި، ރިޕޯޓުން ފާހަގަވިކަންކަމަށް އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އިސްލާޙީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އޭގެފަހުން ސްކޫލްގެ ދެ މުވައްޒަފަކު ޑޮކިއުމެންޓް ފޯޖް ކުރި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިތުރުން، ސްކޫލްގެ މުވައްޒަފަކު ސްކޫލަށް ލިބިފައިވާ ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ވެސް ބަލަމުން އަންނަކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

''މި ދެކަމަކީ ވެސް އޭގައި ޖިނާއީކުށްތައް ހިމެނޭ މައްސަލަތައްކަމަށްވާތީ، އެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވާނީ ހުށަހަޅާފައި'' އެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

ޣާޒީ ސްކޫލްގެ އެޑްމިނިސްޓްރެޓާ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްއަކަށް ބަދަލުކުރެވުނީ ސްކޫލް ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕްރިންސިޕަލަށް ފޯނުމެދުވެރިކޮށް އެ މަޢުލޫމާތު ހިއްސާ ކުރުމަށްފަހު، ދިވެހި ސިވިލްސާވިސް ޤަވާޢިދަށް ރިއާޔަތްކޮށް އެޑްމިނިސްޓްރޭޓާ ޖަވާބުދާރީ ކުރުވުމުގެ މަރުޙަލާގައި އޭނާ ސްކޫލްގެ އެ މަޤާމުގައި ހުރުމަކީ އެކަމުން ސްކޫލަށް އިތުރުމައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަން ފާހަގަ ކުރެވޭތީ ކަމަށް އެބަޔާނުގައި ވިދާޅުވެފަވެއެވެ.

''އެޑްމިނިސްޓްރެޓާ މި މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ވަގުތީ ގޮތުން ބަދަލު ކުރުމަކީ ދެވުނު ޕްރޮމޯޝަނެއް ގޮތުގައެއްނޫނެވެ. އަދި އެފަރާތުގެ ވަޒީފާ މި މިނިސްޓްރީއަށް ބަދަލު ކުރުމުގެ ގޮތުގައެއް ނޫނެވެ.'' އެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

ހުޅުމާލޭ ޣާޒީ ސްކޫލްގައި މުދައްރިސުން އިހްތިޖާޖު ކުރަނީ

އެޑިޔުކޭޝަން މިނިސްޓްރީން މިގޮތައް ކަންކަން ތަރުތީބު ކުރަމުން ދަނިކޮށް އަދި މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތައް ސްކޫލް ހިންގުމާއި ހަވާލުވެހުރި ފަރާތާއި ހިއްސާ ކުރަމުން ދަނިކޮށް، އެޑްމިނިސްޓްރޭޓާއަށް ޕްރޮމޯޝަނެއް ދީފައިވާ ކަމަށް ބުނެ ސްކޫލްގެ މުވައްޒަފުންތަކެއް އިހްތިޖާޖު ކުރި މައްސަލައެއް މިހާރު ބަލަން ފަށާފައިވާ ކަމަށް އެ ބަޔާނުގަވެއެވެ.

އެ ބަޔާނުގައި މިނިސްޓްރީން ވަނީ ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މީޑިއާތަކުން ޚަބަރު ނުފެތުރުމަށް އެދިފައެވެ. އަދި މައްސަލަބަލައި ނިމުމުން ސިވިލްސާވިސް ގަވާއިދާ އެއްގޮތަށް އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު އިސްލާހީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.