ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ކެޑުން ކާމިޔާބު ކޮށްފިއެވެ. މިއީ ކެޑް މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

މިއަދުގެ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ކެޑުންނެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 9، އަބްދުﷲ މުޙައްމަދެވެ. ދެވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 3، އަބްދުﷲ ނާސިހްއެވެ.

މާއްޓޭ ސްޕޯޓްސްއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21، ސާލިމް މުޙައްމަދެވެ. މިއަދުގެ މެޗާއިއެކު މާއްޓޭ ސްޕޯޓްސް މުބާރާތުގެ ގްރޫޕް ބުރުގައި ކުޅުމަށް ހަމަޖެހިފައިވާ ހަތަރު މެޗު ކުޅެ ނިމުނީއެވެ. އެ ޓީމް މި ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.

މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީގެ ފުޓްބޯޅަ ލެޖެންޑް އަބޫބަކުރު މޫސާއެވެ. އަބޫބަކުރަކީ ކުޅުދުއްފުށީގައި އުފެދުނު މޮޅެތި މިޑްފީލްޑް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. ޒޯން ޗެމްޕިއަންކަން މަގުލަސް ކުލަބުން ދެފަހަރު ހޯދިއިރު އެ ޓީމްގެ މެދުތެރޭގައި އަބޫބަކުރު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ޒޯން ޗެމްޕިއަނުން ބުރުގައި މަގުލަސް ވާދަކުރިއިރު އެ ޓީމްގައި ހިމެނި އެ ބުރުގެ ތިން މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ވެސް ހޯދާފައިވެއެވެ. އަބޫބަކުރު ވަނީ އެއްވަނަ ޑިވިޛަންގެ ޓީމެއް ކަމަށްވާ އީގަލްސްއަށް ވެސް ކުޅެފައެވެ. އަބޫބަކުރަކީ ފުޓްބޯޅައިން ކުޅުދުއްފުއްޓަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިއެކެވެ.

ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މުބާރާތުގައި މާދަމާ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 15:50 ގައެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.

މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.