ރިޔާސީ އިންތިޚާބު 2023 އާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)ގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ.

އީސީން ކުރި ޢިއުލާނެއްގައި ބުނީ އަންނަ ރިޔާސީ އިންތިޚާބުގެ އެކިއެކި މައްސައްކަތަށް ބޭނުންވާ އެގާރަ މުވައްޒަފަކު ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް ހޯދާ މި މުވައްޒަފުންގެ ހޯދަނީ ރިޔާސީ އިންތިޚާބު 2023 ގެ މަސައްކަތްތައް ނިމެންދެނެވެ.

މި ވަޒީފާތަކަށް ހޯދާ މީހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 4465.00 ރުފިޔާ ދޭން ނިންމާފައިވާއިރު، ސާރވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00 ރުފިޔާ ދޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155.00 ދޭން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުމަށް ހޯދާ މި މުވައްޒަފުންގެ ހުންނަށް ޖެހޭ ޝަރުޠުތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، އޮފިސަރ ލެވެލް މަޤާމެއް ނުވަތަ އެއާ އެއަށްވުރެ މަތީ މަޤާމެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ވޭތުވެދިޔަ އިންތިޚާބެއްގައި ޖީ.އެސް 3 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު (jobs@elections.gov.mv) މެދުވެރިކޮށް ހުށަހެޅުމަށް އީސީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.