ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ނައިބު ރައީސް ފައިޞަލް ނަސީމް އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް އާއި، ޗައިނާ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި އަދި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad
rt

މި ދެ ބޭފުޅުން މަސްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއިންނާއި އުމްރާނީ ތަރައްޤީގެ ދާއިރާ އަދި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުތަކުގެ ގޮތުގައި ރާއްޖެއަށް ސްކޮލަރޝިޕް ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ މިއަހަރަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި "ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވިކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ސަލާމަތާ ޞުލްޙަމަސަލަސްކަންފަދަ ކަންކަމުގައި ރާއްޖެއާ ޗައިނާއިން ވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމަށް ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 14 އޮކްޓޫބަރ 1974ގައެވެ.