ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށް ސްމާޓް އިންވެސްޓްމަންޓްތައް މުހިންމު ކަމަށް ވޯލްޑް ބޭންކް ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. ޖުލައި 2022ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައިސާ ވަނީ ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކުރުމަށްޓަކައި ގެންނަމުންދާ މުހިންމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭނެކަން ތަކުރާރުކުރައްވާފައެވެ.
ރައިސާގެ މި ދަތުރުފުޅުގައި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރައިސާ ވަނީ ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވޯލްޑް ބޭންކާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށް ގެންނަމުންދާ ގޮންޖެހުންތައް ބޮޑު މާލީ އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން މާލިއްޔަތު އާރާސްތުކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުން މި ފަހުން ޓެކްސް ޑުކޮށްފައިވާތީ އެކަމަށް ރައިސާ ވަނީ ސަރުކާރަށް ތައުރީފްކުރައްވާފައެވެ.
ރައިސާ ވިދާޅުވީ ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަން ވެސް ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށެވެ. ނަމަވެސް، ދަރަނީގެ މިންވަރު މައްޗަށް ދިއުމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެެވެ.
ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކޮށް، ހެޔޮ އަގުގައި އާންމު ހިދުމަތްތައް ދިނުމަށް ސްމާޓް އިންވެސްޓްމަންޓްތައް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށްވެސް އޭނާަ ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި 5 މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައިސާ ވަނީ ދިވެހި ސަރުކާރުގެ އިސް ވެރިންނާ އެކު ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫއުގެ ސަބަބުން، ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަރަންޓް އުފެއްދި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ބޭރު ފައިސާ ސަލާމަތްކުރުމަށް މުހިންމު އެހީއަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޖާދީ ވިސްނުންތަކާއި ވަސީލަތްތައް އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ރައިސާ ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭން ބޭރުގައި ރައިސާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލާއި މުހިންމު އުމްރާނީ ވަސީލަތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގާތުން ބައްލަވާލެއްވުމަށް ކ. ގުޅިއަށް ޒިޔާރަތްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!