ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

Ad
rt

އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމަކީ، އެ މަނިކުފާނުގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެއަށް ލިބުނު ނުހަނު ބޮޑު ދެރައެއްކަމުގައި ފާހަގަކުރައްވާފައެވެ.

ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ސަމަރުބްލޫ އިބްރާހީމް މަނިކު ޚިދުމަތްކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ ވަރަށް ރިވެތި ނަމޫނާއެއް ދައްކަވައިފައިކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އަމިއްލަ ޝައުޤުވެރިކަމާއެކު ޚިދުމަތުގައި ދެމިހުރެއްޖެނަމަ އެކަމެއްގެ ފޮނި ނަތީޖާ ނެރެވޭނެކަން ސާބިތުކޮށްދެެއްވައިފަ ކަމަށް ރައީސްގެ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާއިން ދިވެހި ފަންނާނުން އުފެއްދުމުގައި ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޙިއްޞާ ވަރަށް ބޮޑުކަމަށާއި، އެމަނިކުފާނު ވަނީ ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

ބްރޯޑްކާސްޓިންގ ދާއިރާގެ ކޮންމެ ދިމާލަކުން، ސަމަރޭގެ ފަނޑުވުމެއް ނެތް ހަނދާންތައް!

ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހީމް މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ، ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯއްދަވާފައިވާ ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވާ އިބްރާހިމް މަނިކުގެ ހިދުމަތްތަކުގެ އަގުވަޒަންކުރައްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ހަފްލާގައި ވަނީ ބްރޯޑްކާސްޓިންގ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.