ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ސަމަރުބުލޫ އިބްރާހިމް މަނިކުގެ ނަމަކީ އަބަދުގެ އަބަދަށް ފަނޑުވުމެއް ނެތި، ރަން އަކުރުން ލިޔެވޭނެ ނަމެއްކަން ޔަގީނެވެ. އެ ދާއިރާއަށް ކޮށްދެއްވާފައިވާ ހިިދުމަތްތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ.
ދިވެހި ސަރުކާރަށް ގިނަ ހިދުމަތްތަކެއް އޭނާ ކުރައްވާފައިވާއިރު، އެންމެ ގިނަދުވަހު ހިދުމަތް ކުރެއްވީ ވެސް ބްރޯޑްކާސްޓިންގ ދާއިރާގަ އެވެ. ހާއްސަކޮށް އެ ދާއިރާގެ ކުރިމަގަށްޓަކައި އެތައް ބަޔަކު އުފައްދަވައި، ތަމްރީނު ދެއްވާފައި ވެއެވެ.
އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާއިރު، އޭގެ ތެރޭގައި ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރާވާ ކަމާއި، ޕްރޮގްރާމް ޕްރޮޑިއުސަރުކަން ވަނީ ކުރައްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ވެސް ކުރެއްވި އެވެ.
މީގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި ޑިރެކްޓަރުގެ މަގާމާއި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިންގ ކަމުގެ މަގާމު ވެސް އިބްރާހިމް މަނިކު ވަނީ އަދާކުރައްވާފަ އެވެ.

ހަމަމިއާއެކު އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ މަގާމު 11 ނޮވެންބަރު 1993 އިން 13 ސެޕްޓެންބަރު 2004 ގެ ނިޔަލަށް އެ ދާއިރާގެ ވަޒީރު ކަމުގައި ހޭދަކުރެއްވި އެވެ. އެހެންކަމުން، ރާއްޖޭގެ ބްރޯޑްކާސްޓިންގ ގެ ދާއިރާގައި އޭނާ ހެދަކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވި ހިދުމަތްތަކަކީ، ފާހަގަކޮށްލަންޖެހޭ ހިދުމަތްތަކެކެވެ.
ވަސީލަތްތައް މަދު އެ ދުވަސްވަރު، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ހުންގާނުގައި ހުންނަވައި، އެތައް ފަހުލަވާނުންނެއް ވަނީ ތަމްރީނު ކުރައްވާފަ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އަޑުން ފޮނުވި ތަފާތު ޕްރޮގްރާމްތައް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނަވައި، އެތައް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރޭޑިއޯ އެހެންތެރިންގެ މަގުބޫލު ޝަހްސިއްޔަތަކަށް ވެވަޑައިގެންވި އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ އޮޑީގެ ހުންގާނުގައި ހަމައެކަނި ހުންނެވުމުގެ ބަދަލުގައި ފަޅުވެރިންނެކޭ އެއްފަދައިން މަސައްކަތްކުރެއްވުމުގެ ނަތީޖާއަކީ އެ ހިދުމަތަށް މިއަދުވެސް ބޭނުންވެފައި ވުމެވެ. އަދި އެކުގައި މަސައްކަތް ކުރެއްވި އެތައް ބައެއްގެ ތައުރީފުގެ ސަނާތައް ލިބެމުން ދިއުމެވެ.
ދިވެހިރާއްޖޭގެ އަޑުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމުގައިވާ "ބާއްޖަވެރި ހެނދުނެއް" ގެ މޭސްތިރިޔަކީ ވެސް އިބްރާހީމް މަނިކެވެ.
އިންފޮމޭޝަން މިނިސްޓަރު ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވިއިރު، ރޭޑިއޯ ޕްރޮގްރާމްތަކަށާއި، ޓީ.ވީ ޕްރޮގްރާމްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވި އެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދާ "ރޯދަ ކުރުކުރުން" ޕްރޮގްރާމް އޭރު ކޮންމެ ދުވަހަކު ހުށަހަޅުއްވަމުން ގެންދެވީ ވެސް އިބްރާހީމް މަނިކެވެ. އަދި ޓީ.ވީ މޯލްޑިވްސް އިން ކޮންމެ ރޯދަމަހަކު އޭރު ފޮނުއްވަމުން ގެންދެވި "ތިޔަބޭފުޅުންގެ ފުރުޞަތު" މި ޕްރޮގްރާމްގެ މޭސްތިރިއަކީ ވެސް އިބްރާހީމް މަނިކެވެ.

މީގެއިތުރަށް، ސްކޫލްތަކުގެ ކުދިންގެ މެދުގައި ލަވަކިޔުމުގެ ހުނަރު ތަރައްގީ ކުރައްވައި، އެ ފަންނު ދިރުވުމުގެ މަގުސަދުގައި ފެށްޓެވި ޓީ.ވީ.އެމް. ސްކޫލް ކުދިންގެ ލަވަ މުބާރާތަކީ ވެސް ސީދާ އިބްރާހީމް މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ކާމިޔާބު މުބާރާތެކެވެ.
ޒަމާނީ ބަދަލުތަކެއް ގެންނަވައި، މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ދިވެހި ފަންނާނުންގެ މިޔުޒިކީ އީދު އަދި "ބައިބަލާ" މުބާރާތްފަދަ ބޮޑެތި އިވެންޓްތައް ބްރޯޑްކާސްޓިންގ އާ ގުޅުއްވައި ވުޖޫދަށް ގެންނެވި އެވެ.
ސަމަރުބުލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޯރުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ. އަވަހާރަވި އިރު، ތިން ދަރިން ދުނިޔޭގައި އެބަތިއްބެވި އެވެ. އިބްރާހިމް މަނިކުގެ އަނބިކަނބަލުން ފަރީޝާ އިބްރާހީމް ވަނީ ދެތިން އަހަރު ކުރިން އަވަހާރަވެފައެވެ.
35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާއިރު، ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އޭނާ ވަނީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަން ކަމުގެ މަގާމު ވެސް އަދާކުރެއްވި އިބްރާހިމް މަނިކު ވަޒީފާއިން އެކަހެރިވެވަޑައިގެންނެވީ 2008 އޯގަސްޓު 6 ގަ އެވެ. އޭރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.
ޔޫތް، ޑިވެލޮޕްމެންޓް އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި، ފުޓްބޯޅަ ކުރިއެރުވުމަށް، ހާއްސަކޮށް ފުޓްބޯޅަ ރެފްރީން އުފެއްދެވުމަށް މަސައްކަތް ކުރައްވާފައި ވެސް ވެއެވެ. އަދި އެފް. އޭ. އެމް ގެ ރައީސްކަން އަހަރުތަކެއް ވަންދެން ކުރެއްވި އެވެ.

އަލްމަރްޙޫމް އިބްރާހީމް މަނިކަކީ، މިޔުޒިކާއި ލަވަ ކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމާއި ކުޑަކުދިންނަށް ހާއްސަ ފޮތް، ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ހާއްސަ އިނާމު، 1999 ވަނަ އަހަރާއި، 2000 ވަނަ އަހަރާއި، 2001 ވަނަ އަހަރު އިބްރާހީމް މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ އިންޑަސްޓްރީއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެއްވި "ބްރޯޑްކާސްޓް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" މި އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.

ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސް ގެ ތައުޒިޔާ މެސެޖުގައި ވަނީ އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި، ހާއްސަކޮށް، ދިވެހިރާއްޖޭގެ އަޑުގައި އަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި އާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަ ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!