މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ބާއްވަމުން އަންނަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ދެވަނަ ކާނިވަލް ނިންމާލައިފިއެވެ.

އެމްއެމްޑަބްލިއުއެމް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ހެލްތު ކޭމްޕަކާއި ލީގަލް އެވެއާނެސް ކޭމްޕެއް ވެސް ކުރިއަށްގެންދިޔައެވެ. މި ހަރަކާތް ބޭއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

Ad
rt

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު އާއި ހައިކޮމިޝަނާ އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ، އޭއެމްޖޭ ޞާދިޤު އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް އަދި އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ސަޗިން ސަރްނާ ބައިވެރިވެވަޑައިގަތެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި މުވާރާތުގައި، 20 ޓީމު ބައިވެރިވިއިރު މުބާރާތް ކާމިޔާބުކުރީ ފްރެންޑްސް ކްލަބް ބަންގްލަދޭޝްއިންނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބެޓަރާއި ފީލްޑަރު އަދި ބޯލަރަށް ވެސް އެވޯޑް ވަނީ ދީފައެވެ.

އެކުވެނި ކްރިކެޓް ދަނޑުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ސްރީލަންކާގެ ހައިކޮމިޝަނަރު، އޭއެމްޖޭ ސާދިގު އާއި ޕާކިސްތާނުގެ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފަޔާޒް އާއި ބަންގަލްދޭޝްގެ ހައިކޮމިޝަނަރު ރިއާ އެޑްމިރަލް އަބުލް ކަލާމް އަޒާދު އާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އަދި އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، ސަޗިން ސަރްނާގެ އިތުރުން ޕާޓްނަ އޯގަނައިޒޭޝަންތަކުގެ މަންދޫބުންނެވެ.

މި އަހަރުގެ ކްރިކެޓް ކާނިވަލް ވެސް ކުރިއަށް ގެންދިއުމުގައި މި އިވެންޓުގެ މައި ޕާޓްނަރު އުރީދޫ މޯލްޑިވްސް އިން ދެއްވި ބޮޑު އެއްބާރުލުމަކަށް އެމްއެމްޑަބްލިއުއެމް އިން ޝުކުރު އަދާކުރެއެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް ކްރިކެޓް މުބާރާތް ކުރިއަށް ގެންދިއުމުގައި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު ޚާއްޞަ އެހީތެރިކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން ޑަބްލިއުއެޗްއޯ މޯލްޑިވްސް އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަނާއި މެޑިކޯސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ލައިފް ސަޕޯޓާ ގުޅިގެން ހެލްތު ކޭމްޕެއް މެދުވެރިކޮށް ހިލޭ މެޑިކަލް ސްކްރީނިން ކުރިއަށް ގެންދިޔައިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއޮ، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރާއި، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބޭއްވި ލީގަލް އެންޑް އެވެއާނެސް ކޭމްޕެއް މެދުވެރިކޮށް، ކާނިވަލް ބޭއްވި ވަގުތު އެކި ކަންކަމުގައި ބިދޭސީ މަސައްކަތްތެރިންނަށް ހޭލުންތެރިކަން ފޯރުކޮށްދިނެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ. ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަޤްސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުގައި ކްރިކެޓް ކާނިވަލަކީ ޖަމިއްޔާއަށް 2 އަހަރު ފުރުން ފާހަގަކުރާ އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް ބާއްވާ ހާއްސަ ހަރަކާތެއްވެސް މެއެވެ.