ހުޅުމާލޭ ފަޅުގެ އެންމެ އުތުރުގައި ތަރައްގީކުރާ "އާބަން އައިލް" އާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަތުރުވެރިކަމަށް ހާއްސަ މަޝްރޫއެއް އިއުލާނުކޮށްފިއެވެ.

ވަކި ރަށެއްގެ ގޮތުގައި ތަރައްގީ ކުރާ އާބަން އައިލް އަކީ ޖުމްލަ 23 ހެކްޓަރުގެ ރަށެކެވެ. މި ރަށް ވެގެންދާނީ ރާއްޖޭގެ އިގުތިސާދީ މައި ހަބު އަދި ރަސްމީ ވައިގެ ބަނދަރާއި ގުޅިފައިވާ ރަށެއް ކަމުން އާބަން އައިލް ވެެގެންދާނީ ކުރު އަދި ދިގު މުއްދަތުގެ ސްޓޭތަކަށް ވެސް އެކަށޭނަ މަންޒިލަކަށެވެ.

Ad
rt

އާބަން އައިލް ގައި އަޅާ އެކޮމޮޑޭޝަންތަކުގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓތަކާއި ސިޓީ ހޮޓަލާއި މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައްވެސް ގާއިމުކުރާނެއެވެ.

މިއީ ރާއްޖޭގެ އަދި ބޭރުގެ ވިޔަފާރިވެރިންނަށް އިންވެސްޓް ކުރުމަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އިންވެސްޓަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗާ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އާބަން އައިލް އަކީ މާލެ، ހުޅުމާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސީދާ ގުޅިފައިވާ ރަށެއް ކަމުން މިއީ އިންވެސްޓަރުންނަށް ގިނަގުނަ މަންފާ ލިބިގެންދާނެ އެއް ޑިވެލޮޕްމަންޓް ކަމަށް އެޗްޑީސީއިން ބުންޏެވެ. މި ޕްރޮޖެކްޓް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހިންގުމަށް އެޗްޑީސީން އިސްކަމެއް ދޭނެއެވެ.