ވޭތުވެދިޔަ 24 ގަޑި އިރު، އެންމެގިނައިން ވާރޭ ވެހުނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ.
އެގޮތުން 58 މިލިމީޓަރުގެ ވާރޭ، އެރަށަށް ވެހިފައިވާ ކަމަށް އެ އިދާރާ އިން ހާމަކުރައްވަ އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން "ތިލަދުން" އަށް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ މިހާރުކުރަމުން މިދަނީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރަކުރާ ކަމަށެވެ. އެއީ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ހިސާބުގައި ކުރާ ވިއްސާރަ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެންވެ، މޫސުމަށް ސަމާލުކަން ދީގެން ކަނޑުދަތުރުފަތުރު ކުރަމަށް އިސްކަން ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!