ވެރިކަމުގައި ތިބެންޖެހޭ އެންމެ މުހިންމު ސަބަބަކީ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ ގައި ހުންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

އެމްޑީޕީ އިން އެތައް ޒަމާންތަކެއް ވެރިކަމުގައި ތިބޭނެކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އެހެންނަމަވެސް އެއީ 18 މަސް ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ އަދި ޕާޓީގެ މެނިފެސްޓޯގައި ވެސް ހިމެނޭކަމެއް ކަން ފާހަގަ ކުރެއްވި އެވެ.

ނަޝީދު، އިއްޔެ ހަވީރު އެރަށަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރަށް ޖަމާވެފަ އެވެ.

ނަޝީދު ތިނަދުއަށް ވަޑައިގެންނެވީ ކޮވިޑް-19 ގެ އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ އަޕަސްކިލިންގ އަދި ޓްރެއިން ޕްރޮގްރާމްގެ ޑައިވިންގ ދާއިރާގެ މީހުން ތަމްރީނުކޮށް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށެވެ.

"އަންނި ޕްރައިމަރީ"ގެ ނަމުގައި ނަޝީދުގެ ރިޔާސީ ކެމްޕެއިން ގދ. ތިނަދޫގައި ލޯންޗްކުރުމަށް ނިންމާފައިވާކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް ރޭގެ ޖަލްސާގައި އެކަން ކޮށްފައެއް ނުވެއެވެ.