ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްތިޔުންގެ އަޑުއެހުމާއެކުގައި ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އެ ސިޓީގައި ސަރުކާރުން ތަރައްގީކުރި 165 ހައުސިން ޔުނިޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދަައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ފަހުން ތަރައްގީކުރި ރޯހައުސްތަކަކީ ވެސް ރައްޔިތުންނަށް ފަހި ތަންތަނުގެ ގޮތުގައި ހެދުމަށް ސަރުކާރާއި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ގިނަ ބަދަލުތަކެއް އެރޯހައުސްތަކަށް ގެނެސްފައިވާ ކަމަށެވެ.
ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވެސް ނިންމާލާފައިވަނީ ރައްޔިތުން އެދޭފަދަ ބަދަލުތައް ގެނައުމަށްފަހުކަން މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު އަންނައަހަރުގެ ފެބްރުއަރީ މަހު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްރުވަމުންދާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވެސް ކުރިއަށްދަނީ ކައުންސިލުން ރައްޔިތުންނާއި މަޝްވަރާކޮށް، ރައްޔިތުންގެ އަޑުއަހައިގެންކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ތަަރައްގީ ކުރަމުންދާ ތަންތަނުގައި 3 ކޮޓަރިއާއި 3 ފާޚާނާ އަދި ބަދިގެއާއި ސިޓިންގ ރޫމާއި ގުދަނެއް ހުންނާނެ ކަމަށެވެ. އަދި ޑިޒައިންއާއި ގުޅޭގޮތުން ދެފަހަރެއްގެ މަތިން ވާހަކަތައް ދެކެވި ޑިޒައިންތައް ކައުންސިލާއި ހިއްސާކުރައްވާފައިވާކަން ފާހަގަ ކުރެއްވި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްގީކުރާ މި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ހަ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މި މަޝްރޫއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެ އެވެ.
މި ހައުސިންގ ޔުނިޓްތަކާއި ގުޅޭގޮތުން މޭޔަރު އާތިފް "ތިލަދުން" އަށް ކުރިން ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރާއްޖޭގެ ވެރިކަމާއި ފުރަތަމަ ފަހަރަށް ހަވާލުވުމަށްފަހު، ބޯހިޔާވަކަމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެ ސިޓީގައި 165 ރޯ ހައުސް އިމާރާތް ކުރެއްވި ކަމަށެވެ.
އެހެންނަމަވެސް 7 ފެބްރުވަރީ 2012 ގައި އެ ވެރިކަން ނިމުމަަށް އައުމަށްފަހު، ދެން އައި ސަރުކާރުތަކުން އެ ރޯހައުސްތަކަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށާއި އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި އެތަނުން ރޯހައުސް ލިބޭ ބައެއް ފަރާތްތައް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ރޯހައުސް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކައުންސިލުގެ ފަރާތުން މީހަކާއި ތަން ލިބޭ ފަރާތާއެެކު ގޮސް، ތަޅުދަނޑު ހަވާލުކުރަނީ ދެ ފަރާތުން ވެސް، ތަން ބަލައި ޗެކް ކުރުމަށްފަހު ކަމަށެވެ.
އެ ސިޓީގައި 165 ރޯހައުސް ތަރައްގީ ކޮށްފައިވަނީ އެ ރަށުގެ ހިއްކި ސަރަޙައްދާއި ޖަލާލުންދީން ސްކޫލު ކައިރި އާއި ހަސަނާތު މިސްކިތް ކައިރީގަ އެވެ. މީގެ ތެރެއިން މަސައްކަތް އެންމެ ބޮޑަށް ހުއްޓިފައި ހުރީ ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުންދިޔަ 100 ރޯހައުސްގެ އެވެ.
ދެ ފަންގިފިލާއަށް ހަދާފައިވާ މި ރޯހައުސްގައި ވަނީ 3 ކޮޓަރި އެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިން ދޫކުރި 60 ރޯހައުސްގެ ކުއްޔަކީ 3000 ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!