ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ފަހު މެޗުތަކުގައި ކްރޮއޭޝިއާ އަތުން މޮޅުނުވެވި ބެލްޖިއަމް ކެޓިއިރު، ކެނަޑާ ބަލިކޮށް މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި މޮރޮކޯ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މިރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކްރޮއޭޝިއާއާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.
މި ގްރޫޕްގެ ފަހު މެޗުތަކާއި ކުރިމަތިލީއިރު، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ކްރޮއޭޝިއާ ބަލިކުރުން ނޫން ގޮތެއް ބެލްޖިއަމަކަށް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ކްރޮއޭޝިއާއަށް އޮތެވެ.
ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތު ލިބިފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ކްރޮއޭޝިއާގެ ޕެރިސިޗް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ބޮޑު އޭރިއާގެ ކަނާދިމާއިން އެތެރެއަށް ޖެހިލައި ދުރުކަނަށްވާ ގޮތަށް ފޮނުވާލު ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ މާޓިންސްއަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތެއް ލިބިފައެވެ. ޑިބްރޭނާ ދިން ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލަން މާޓިންސް މަސައްކަތްކުރި އިރު، އެ ބޯޅަ ގޮސްފައި ވަނީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.
ދެވަނަ ހާފުގައި ވެސް ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދާފައި ވަނީ ކްރޮއޭޝިއާއިންނެވެ. އެ ޓީމްގެ މިޑްފީލްޑަރ ކޮވެސިޗް ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ވެސް ވަނީ ބާރު ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާ ވެސް ކޯޓުއާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ބެލްޖިއަމުން ލީޑު ނެގުމާއި ގާތަށް ދިޔައެވެ. ބެލްޖިއަމްގެ ކަރެސްކޯ ކްރޮއޭޝިއާގެ އޭރިއާތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ކީޕަރު ގައިގައި ޖެހިފައި ނުކުތްވަގުތު ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން ލުކާކޫއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފަހުބައިގައި ބެލްޖިއަމުން ކުރިއަށް ޖެހި ލަނޑުޖަހަން މަސައްކަތް ކުރިއިރު، އެ ޓީމްގެ ފޯވާޑް ލުކާކޫއަށް ވަނީ މެޗުން ބެލްޖިއަމް މޮޅުކޮށްދޭން ރަނގަޅު ތިން ފުރުބަތެއް ލިބިފައެވެ. ނަމަވެސް އެ އެއްވެސް ފުރުޞަތެއްގެ ބޭނުން ނުކުރެވި މެޗު އެއްވަރުވެގެން ނިމުމާއިއެކު ބެލްޖިއަމަށް ވަނީ މުބާރާތް ނިމިފައެވެ.
މި ގްރޫޕްގައި މިރޭ މޮރޮކޯއާއި ކެނެޑާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ މޮރޮކޯއެވެ.
މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ މޮރޮކޯއިންނެވެ. ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ޒިޔެޗް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަޑު 23 ވަނ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޔޫސުފް އެން ނެސޭރީއެވެ. މެޗުގައި ކެނެޑާއިން ކާމިޔާބުކުރި ލަނޑަކީ މެޗުގެ 40 ވަނަ މިނެޓުގައި މޮރޮކޯގެ ނަޔެފްއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނަ މޮރޮކޯ ހޯދިއިރު، ދެވަނާގައި އޮތީ ތިން މެޗުން 5 ޕޮއިންޓް ހޯދި ކްރޮއޭޝިއާއެވެ. މި ގްރޫޕުން ކަޓާފައި ވަނީ ބެލްޖިއަމްއާއި ކެނެޑާއެވެ.
ގުރޫޕް އެފްގެ ދެވަނަ އަށް ކްރޮއޭޝިއާ ދިއުމުން އެ ޓީމު ވާދަކުރާނީ ގުރޫޕް އީ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އެއްވަނައިގައި މިވަގުތު އޮތީ ސްޕެއިންނެވެ.
ގްރޫޕް އީގެ ވަނަތައް ކަނޑައެޅިގެން ދާނީ މިރޭ ދަންވަރު 00:00 ގައި ސްޕެއިންއާއި ޖަޕާން އަދި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރާ މެޗުގެ ނަތީޖާތަކަށް ފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!