ރައީސް އިބްރާހީމް މުހައްމަދު ސާލިހު، މި މަހު ގަތަރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރައީސް ގަތަރަށް ވަޑައިގަންނަވަނީ އެގައުމުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވައިލެއްވުމަށް ކަމަށެވެ.

Ad
rt

އެހެންނަމަވެސް އެމަނިކުފާނި ގަތަރަށް ވަޑައިގަންނަވާ ވަކި ތާރީހެއް މިއުވާން ވިދާޅެއް ނުވެއެވެ. އެކަމަކު ފައިނަލް މެޗު ނުވަތަ ސެމީ ފައިނަލް މެޗެއް ބައްލަވާލެއްވުމަށްކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ދުނިޔޭގެ ތައްޓަށް ކުޅޭ، ފުޓްބޯޅައިގެ އެންމެފޯރިގަދަ މުބާރާތް ފަށާފައިވަނީ މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ގްރޫޕްސްޓޭޖުގެ އެންމެފަހު މެޗުތައް މިހާރުކުރިއަށްދާއިރު، މިއަހަރުގެ ވޯލްޑް ކަޕަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މުބާރާތެކެވެ.

އެގޮތުން ވޯލްޑް ކަޕް މުބާރާތެއްގައި ސައުދީ އަރަބިއްޔާ އާއި ޖަޕާނުން ދެއްކި ކުޅުން ފާހަގަކޮށްލެވެ އެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މިއީ ރައީސް ސާލިހު، ގަތަރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް އެ ގައުމަށް ވަނީ ވަޑައިގެންފަ އެވެ.