ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ، އުތީމު ރައްޔިތުންގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މަސްރޭހުގައި އުތީމުގައި ހުރި މުއައްސަސާތަކަށާއި ކުލަބް ޖަމިއްޔާތަކަށް ޓީމް ތައް ބައިވެރި ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އާންމު ފަރުދުންގެ މެދުގައި ޓީމް އެކުލަވާލައި ބައިވެރި ވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

Ad
rt

މަސްރޭހުގައި ބައިވެރިވާ ޓީމްތަކުގައި މަދުވެގެން 5 މެމްބަރުން ހިމަނަން ޖެހޭއިރު، ކޮންމެ ޓީމެއްގައި ގިނަވެގެން ހިމެނޭނީ 10 މެމްބަރުންނެވެ. ބޭނުންނަމަ ދެ ޖިންސް އެކުލެވޭ ގޮތަށް ޓީމް އެކުލަވާލެވިދާނެއެވެ. ނަމަވެސް އެއްވެސް ޓީމެއްގައި 18 އަހަރުން ދަށުގެ ފަރާތެއް ހިމެނުމަކީ މަނާ ކަމެކެވެ.

މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހުގެ 14:00 ގައި ދޯނިތައް މަހަށް ފުރަން ހަމަޖެހިފައިވާއިރު، މަސް ބާނައިގެން 19:30 އާއި 20:00 ދެމެދުގެ ވަގުތެއްގައި އުތީމް ބަނދަރަށް ވަންނަން ޖެހެއެވެ.

މަސްރޭހުގެ އެއްވަނައަށް 2000 (ދެހާސް) ރުފިޔާ، ދެވަނައަށް 1500 (ފަނަރަސަތޭކަ) ރުފިޔާ، ތިންވަނައަށް 1000 (އެއްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ ބޮޑު މަސް ބާނާ ފަރާތަށް 500 (ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަސްރޭހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް، މަސްރޭހުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އުތީމް ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ. މަސްރޭހުގައި ބައިވެރިވާ ފޯމް ލިބިވަޑައި ގަންނަވާނީ އުތީމް ކައުންސިލުންނެވެ.