މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ ބޮޑު ވައުދު އަދި ނުފުއްދޭ ކަމަށާއި އެ ވައުދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު "އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ވެސް 2018 ވަނަ އަހަރު ތާއީދު ކުރެއްވި ކަމަށެވެ.

މި ޕްރޮގްރާމުގައި ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނާ ދިމާލަށް އެއްޗިހި ކިޔާ މަޖިލިސް މެންބަރުން ގޮވައިގެން ދެވަނަ ފަހަރަށް ރައްޔިތުން ކައިރިއަށް ނުދެވޭނެ ކަމަށާއި އެއީ އެފަދަ މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނަ މެންބަރުންކަމަށް ނުވާނެތީ ކަމަށެވެ.

ސުލްހަވެރި އެއްވުންތައް މަނާކުރާ މާއްދާ އުވާލަން މަޖިލީހަށް ފޮނުވުމުން ކޮމިޓީތަކުގައި މަޑުޖެހިފައި އޮތް އޮތުމާއި ގުޅޭގޮތުން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ހުށަހަޅާފައި އޮތީ އެއްވުން ހަނިވާނެ ގޮތަކަށް ކަމަށާއި މަޖިލީހުގައި އެ މައްސަލަ އޮތްކަން އެއީ ހަނިނުވެ އޮންނަ ސަބަބު ކަމަށެވެ.

އެ މައްސަލަ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައިކަން ފާހަގަކުރައްވާ ވިދާޅުވީ އެ ކޮމިޓީން ގޮތެއް ނިންމައިގެން ގެނައުމަށްފަހު، ތަޅުމުގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި ވޯޓަށް އަހާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ކަންކަން މި ހިނގަނީ ވޯޓުން. އަޅުގަނޑު އެދޭގޮތަކަށް ނޫން އެކަން ހިނގަމުން ދާނީ. މަޖިލީހުގެ ގިނަ މެންބަރުން އެއަށް އެދޭގޮތަކަށް ވޯޓު ދީގެން."

ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތްކަން ފާހަގަކުރައްވާ، އެ ޕާޓީގެ ފަލްސަފާ އާއި އުސޫލުތަކުގެ މަތިން، އެމްޑީޕީގެ މެންބަރުން ވޯޓު ދެމުން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެއާ ހިލާފަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.