ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށް މުބާރާތް ފަށާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މި މަހު 17 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު، މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން އަތޮޅު ކައުންސިލްގެ ރަސްމީ އީމެއިލް ( info@halifatoll.gov.mv ) އަށް ނުވަތަ އެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވާ ކަމަށެވެ.
އެ މުއަދަތު ހަމަވިއިރު އެ އަތޮޅުން ޖުމްލަ ހަ ރަށަކުން މުބާރާތުގައި ބައިވެރިވެފައެވެ. އެ ރަށްތަކަކީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫއެވެ.
އޭރު މުބާރާތް ފެށުމަށް ތާވަލު ކޮށްފައި އޮތީ ވެސް 01 ޑިސެމްބަރ 2022 ގައެވެ. ނަމަވެސް މިހާރު މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އުތީމް ފުޓްސަލް ދަނޑުގައެވެ.
އެ އިޢުލާން ބާތިލުކޮށް މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު ޑިސެމްބަރ 8 ވަނަ ދުވަހުގެ 14:00 ކުރިން އެ ކައުންސިލްގެ ރަސްމީ އީމެއިލް info@halifatoll.gov.mv އަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށެވެ.
މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ މުއައްސަސާތަކުގައި ޚިދުމަތް ދެއްވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައި ވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މީގެއިތުރުން އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލް ކުރިއެރުވުމާއި އެ އަތޮޅުގެ މުއައްސަސާތަކުގެ ފުޓްސަލްގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު އެފަރާތްތަކަށް އިންތިޒާމީ ގޮތެއްގައި ތަނަވަސްކޮށް ދިނުމެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޤަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/105467.pdf
ރެޖިސްޓްރޭޝަން ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/105468.pdf
ޓީމް ލިސްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/105469.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!