ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދަށް ދިގު މުއްދަތެއް ޖަހައިފި އެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން 21 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް 30 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، ދެންތިބި ދެ މީހުންނަށް ޖަހާފައި ވަނީ 40 ދުވަހުގެ ބަންދެކެވެ.
ކްރިމިނަލް ކޯޓުން އެ މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ. އަދި އެ މައްސަލައިގައި ތިން މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް، ހައްޔަރުކުރުމަށް ވަކި ވަކިން އާންމުކުރި އަމުރުތަކުގައި ވެއެވެ.
މިފަހަކަށް އައިސް ވަގު ޑޮލަރުގެ މުއާމަލާތް ކުރުން ވަނީ އިތުރެވެފައިކަން ފާހަގަ ކޮށްލެވެ އެވެ.
އެގޮތުން ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ދިވެހިން މި މަހުގެ 24 ވަނަ ދުވަހު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންނާއި ބެހޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިއީ ފުޅާ ދާއުރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ މީހުން ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ކަމަށާއި އެ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށް ވެސް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.
ހަމަމިއާއެކު ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީ ވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!