ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަހްލާގާއި، އަގީދާގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ފަތްކޮޅު އެރުއްވުމަށްފަހު، ރައީސް ވަނީ ޕާކިސްތާނުގެ އާ ސަފީރާ ބައްދަލުކުރައްވައި، މަރުހާބާ ދަންނަވާފަ އެވެ.

Ad
rt

މީގެ އިތުރުން ތައުލީމާއި ސިއްހަތާއި ކުޅިވަރާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ އާއި ތަޢުޒިޔާ ވަނީ ފޮނުއްވާފަ އެވެ.

ހަމަމިއާއެކު ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުއްމީދުކުރައްވައި، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.