ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތް ކޮށް ނުނިމި ހުރި ފުލެޓްތައް ނިމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަ ކުރާނެކަމަށް އެ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
"ތިލަދުން" އާ މައުލޫމާތު ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، އެކި ސަބަބުތަކާހެދި މިހައިތަނަށް އާއްމުންނަށް ދޫނުކުރެވި ހުރި 102 ރޯހައުސްއެއް ހަވާލުކުރުމުގެ ކަންކަން އަންނަމަހުގެ ތެރޭގައި ނިންމާލެވޭކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ މި މަޝްރޫއުގެ ނިމުން ވަރަށް ކުލަގަދަކޮށް ފާހަގަކުރުން އޮންނާނެ ކަމަށާއި އެ ރަސްމިއްޔާތު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ މިފެށޭ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ކަމަށެވެ.
އާތިފް އިތުރަށް ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރާއްޖޭގެ ވެރިކަމާއި ފުރަތަމަ ފަހަރަށް ހަވާލުވުމަށްފަހު، ބޯހިޔާވަކަމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެ ސިޓީގައި 165 ރޯ ހައުސް އިމާރާތް ކުރެއްވި ކަމަށެވެ.
އެހެންނަމަވެސް 7 ފެބްރުވަރީ 2012 ގައި އެ ވެރިކަން ނިމުމަަށް އައުމަށްފަހު، ދެން އައި ސަރުކާރުތަކުން އެ ރޯހައުސްތަކަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި އެތަނުން ރޯހައުސް ލިބޭ ބައެއް ފަރާތްތައް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ސަބަބުތައް މެދުވެރިވެގެން މަސައްކަތް ހުއްޓިފައިވާ 105 ރޯހައުސްއެއްގެ މަސައްކަތް ނިންމުމަށް މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި އެ ތަންތަން ލިބުނު ފަރާތްތަކަށް ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އާތިފް ވިދާޅުވީ އެތަންތަނަށް ވަނީ ބަދަލު ގެނެސްފައި ކަމަށާއި އެގޮތުން އެކްސްޓެންޝަންގެ ގޮތުގައި ހުރި ޕާޓިޝަންގެ ބަދަލުގައި ފާރު ރާނާފައިވާ ކަމަށެވެ. އަދި ސްޓްރެކްޗަރ އަށް ވެސް ބަދަލުު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ރޯހައުސް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކައުންސިލުގެ ފަރާތުން މީހަކާއި ތަން ލިބޭ ފަރާތާއެެކު ގޮސް، ތަޅުދަނޑު ހަވާލުކުރަނީ ދެ ފަރާތުން ވެސް، ތަން ބަލައި ޗެކް ކުރުމަށްފަހު ކަމަށެވެ.
އެ ސިޓީގައި 165 ރޯހައުސް ތަރައްގީ ކޮށްފައިވަނީ އެ ރަށުގެ ހިއްކި ސަރަޙައްދާއި ޖަލާލުންދީން ސްކޫލު ކައިރި އާއި ހަސަނާތު މިސްކިތް ކައިރީގަ އެވެ. މީގެ ތެރެއިން މަސައްކަތް އެންމެ ބޮޑަށް ހުއްޓިފައި ހުރީ ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުންދިޔަ 100 ރޯހައުސްގެ އެވެ.
ދެ ފަންގިފިލާއަށް ހަދާފައިވާ މި ރޯހައުސްގައި ވަނީ 3 ކޮޓަރި އެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިން ދޫކުރި 60 ރޯހައުސްގެ ކުއްޔަކީ 3000 ރުފިޔާ އެވެ.
އެ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ 400 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއްވެސް ފަށައި، އެ މަސައްކަތް ވެސް ސަރުކާރުން ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ ހުންނާނެ އެވެ.
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތަރައްގީކުރާ މި ޔުނިޓުތައް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!