ސައުދީ އަތުން ޕޮލެންޑް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

03012A07-7C26-41A8-98C3-ED14041D54B5

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ސައުދީ އަރަބިއްޔާއާއި ޕޮލެންޑް ބައްދަލުކުރި މެޗުން، ޕޮލެންޑް މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޮލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މި ގްރޫޕްގެ ދެވަނަ މެޗުތަކާއި ކުރިމަތިލީއިރު ފުރަތަމަ މެޗުން އާޖެންޓީނާ އަތުން ސައުދީން ހޯދި މޮޅާއިއެކު އެ ޓީމް އޮތީ ތާވަލުގެ އެއްވަނާގައެވެ. އެ މޮޅާއިއެކު އާދަޔާ ޚިލާފް ރޫހެއްގައި އޮތް ސައުދީގެ ކުޅުމުން މިރޭވެސް އެ ޖޯޝް ވަނީ ފެނިގެން ގޮސްފައެވެ. މުޅި މެޗުގައި ވެސް ޕޮލެންޑަށް ވުރެ ރަނގަޅަށް ކުޅެފައި ވަނީ ސައުދީންނެވެ. ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ގިން ފުރުޞަތުތަކެއް މި މެޗުގައި ވަނީ ލިބިފައެވެ.

މެޗުގައި ޕޮލެންޑުން ލީޑު ނަގާފައި ވަނީ 38 ވަނަ މިނެޓުގައެވެ. ސައުދީގެ އޭރިއާތެރެއަށް ތިރިން ހުރަސްވީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން ލެވަންޑޯސްކީއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސައުދީ ކީޕަރު ފައިގައި ޖެހިފައި ނުކުތްވަގުތު ލެވަންޑޯސްކީ ވަނީ އެ ބޯޅަ ޒިއެލެންސްކީއަށް ޕާސް ކޮށްފައެވެ. ޒިއެލެންސްކީ ވަނީ އެ ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ސައުދީއަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ސައުދީގެ ސަލެހް އަލްޝެހްރީއަށް ޕޮލެންޑްގެ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ، ސައުދީގެ އަލް ދައުސާރީ ފޮނުވާލިއިރު، އެ ޕެނަލްޓީ ޕޮލެންޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ކީޕަރު މަތަކުރި ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލަން ވެސް ސައުދީ ކުޅުންތެރިންނަށް ލިބުނު ނަމަވެސް، ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ވެސް ޕޮލެންޑްގެ ކީޕަ ޝެޒްނީ ވަނީ މަތަކޮށް ކޯނަރަކޮށް ބޭރުކޮށްލާފައެވެ.

ދެވަނަ ހާފުގައި ސައުދީން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ޕޮލެންޑުން ފެނުނީ ކައުންޓާ އެޓޭކުގައި ނުރައްކާކުރި މަންޒަރެވެ. މިގޮތުން 63 ވަނަ މިނެޓުގައި ޕޮލެންޑްގެ މިލިކް ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑީއަށް އަމާޒުވީއިރު، އޭގެ ތިން މިނެޓް ފަހުން ލެވަންޑޯސްކީ ފޮނުވާލި ހަމަލާވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗުގައި ޕޮލެންޑަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސައުދީގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ލެވަންޑޯސްކީ ވަނީ ލަނޑުޖަހައި މެޗުން ޕޮލެންޑަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.

މި ނަތީޖާއާއި އެކު ހަތަރު ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނައަށް ޕޮލެންޑް ވަނީ ޖެހިލާފައެވެ. ދެވަނާގައި ތިން ޕޮއިންޓާއިއެކު އޮތީ ސައުދީއެވެ. މި ގްރޫޕްގައި މިރޭ އާޖެންޓީނާއާއި މެކްސިކޯ ބައްދަލުކުރާނެއެވެ. އެ މެޗުން އާޖެންޓީނާ ބަލިނުވެއްޖެނަމަ ގްރޫޕްގެ ފަހު މެޗާ ހަމައަށް ހަތަރު ޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު އޮންނާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި