ށ. ގޮއިދޫ ސްކޫލްގައި އިތުރު 8 ކްލާސްރޫމް އެޅުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
2021 ވަނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,291,291.70ރ (ބާރަމިލިޔަން ދެލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ލާރި) އެވެ.
މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދު އެވެ.
އެ ރަށު ސްކޫލުގައި އިތުރު 8 ކްލާސް ރޫމު އެޅުމަށް ހަވާލުކޮށްފައިވާއިރު، މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވަޢުދުވީ ފަދައިން ފެނާ ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް އެރަށުގައި ތަރައްޤީކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުން ތިއްބެވީ ވަރަށް ހިތްހަމަޖެހިފައިކަމުގައި ގޮއިދޫ ކައުންސިލުން ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސާލިހު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ އިތުރު ކަންތައްތައް ރައީސް އާއި ޙިއްޞާކުރައްވާފަ އެވެ.
އެގޮތުން، ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައި ވެއެވެ. އަދި އާ ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ކައުންސިލުން ފާހަގަކުރެއްވެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާއި ޙިއްޞާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!