ކައުންސިލްގެ މުވައްޒަފުންނަކީ ހަމަ އެކަނި މުވައްޒަފުންނޫން ކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ސްޓާފް ނައިޓް ގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ރަށްވެހިކަމުގެ ހިދުމަތް ދިނުމުގައި ރެއާދުވާލު އަވަދިނެތި އެއްވެސް ވަރުބަލިކަމެއްނެތި ވަރަށް ހިތްވަރާއިއެކުމަސައްކަތް ކުރަމުންދާ ހާދިމުންތަކެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ކައުންސިލްގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށާއި ފުރަތަމަ ފަހަރަށް މިފަދަ ހަފްލާއެއްބޭއްވުމަށް ނިންމެވީ މިކަން ޤަބޫލު ކުރައްވާތީ ކަމަށެވެ.

"މުވައްޒަފުންނާއި އެކު މިފަދަ ހަފްލާއެއް ބޭވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް. މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރަން. ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން." މޭޔަރު ވިދާޅުވި އެވެ.

ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ސްޓާފް ނައިޓް ގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އަގުހުރި އިނާމްތަކެއް ވަނީ ދީފަ އެވެ.

މި ސްޓާފް ނައިޓް ގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އަގުހުރި އިނާމްތަކެއް ވަނީ ދީފައި، ފޮޓޯ: މާލެ ސިޓީ ކައުންސިލް

ކައުންސިލްގެ ފަރާތުން ވަނީ ފައިސާގެ އިނާމާއި ފަސް މުވައްޒަފަކަށް އުމްރާ ދަތުރާއި އިސްތާންބުލްގެ ދެކޮޅު ޓިކެޓާއި މެލޭޝިއާ ދެކޮޅު ޓިކެޓް އަދި ކޮލަމްބޯ ދެކޮޅު ޓިކެޓް ވަނީ ދީފަ އެވެ. އަދި އަމިއްލަ ވިޔަފާރިވެރިންނާއި އެކިއެކި ކުންފުނިތަކުން ވެސް ވަނީ ސްޕޮންސަރ ގެ ގޮތުގައި ހަދިޔާ ދެއްވާފަ އެވެ.

އެގޮތުން ރިސޯޓް ދަތުރުތަކާއި ކްރޮސްރޯޑް ދަތުރުތަކާއި ހިލޭ މެޑިކަލް ޗެކަޕް ފަދަ އިނާމުތައް ވަނީ މުވައްޒަފުންނަށް ލިބިފައި ވެއެވެ.

މި ހަފްލާގެ އަގުހުރި އިނާމުތައް ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވާ މޭޔަރ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީގެ ކައުންސިލްގެ ނަމުގައި މިހާރު ހިންގަމުން މިދަނީ ކުރިން މާލޭގެ މުނިސްޕަލްޓީއެވެ. މާލޭގެ މުނިސްޕަލްޓީގެ ނަމުގައި އެންމެ ފުރަތަމަ މުއައްސަސާއެއް އުފެއްދެވީ އައްސުލްތާން މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގެ ދުވަސްވަރުއެވެ. އެއީ މިލާދީ ގޮތުން 1956 ވަނަ އަހަރު އެވެ.