އެވަޓަން ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި މައްސަލާގައި ރޮނާލްޑޯއަށް އަދަބުދީފި

7C78BCEE-2973-4828-A581-6F7BAD8379CB

ފާއިތުވި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބެލުމަށް ފަހު އޭނާއަށް އަދަބު ދީފިއެވެ.

އިނގިރޭސި އެފްއޭއިން ވަނީ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑް ކޮށް 50،000 (ފަންސާސް ހާސް) ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.

ރޮނާލްޑޯ މީޑިއާގައި ޔުނައިޓެޑްގެ ވެރިންނަށާއި ކޯޗަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިރުމުން، ޔުނައިޓެޑުން ވަނީ ރޮނާލްޑޯއާއިއެކު ހަދާފައިވާ އެއްބަސްވުން ދާދި ފަހުން އުވާލާފައެވެ. ވުމާއެކު މިވަގުތު އޭނާ ހުރީ އެއްވެސް ޓީމެއްގެ ކޮންޓްރެކްޓެއްގައި ނޫނެވެ. ނަމަވެސް ޔޫރަޕުގެ ކޮންމެ ލީގެއްގެ ޓީމަކަށް ރޮނާލްޑޯ ބަދަލުވީ ނަމަވެސް ދެ މެޗުގެ ސަސްޕެންޝަން ފުރިހަމަ ކުރަނެ ޖެހޭނެއެވެ. މި ސަސްޕެންޝަންގެ އަސަރެއް މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގައި ނުކުރާނެއެވެ.

މި އަހަރުގެ އޭޕްރިލް 9 ވަނަ ދުވަހު އެވަޓަންގެ ދަނޑުގައި ކުޅުނު އެ މެޗު ނިންމާލުމަށް ފަހު ޓަނަލްއަށް ރޮނާލްޑޯ ވަންނަން ދިޔަ ވަގުތު އެވަޓަންގެ ސަޕޯޓަރަކު ރޮނާލްޑޯ ވީޑިއޯ ކުރަން މަސައްކަތް ކުރުމުން، ރޮނާލްޑޯ ވަނީ އެ ފޯނު އަތުލައި ބިންމަތީގައި ޖަހައި ހަލާކު ކޮށްލާފައެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އޭރު އާންމުވެ ގިނަބަޔަކު ފާޑު ކިޔުން އަމާޒުވުމާއި ގުޅިހެން ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މާފަށް އެދިފައެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭރު ބުނެފައި ވަނީ، ކުރިމަތިވާ ދަތި ވަގުތުތަކުގައި ޖަޒުބާތުތަކާ ކުރިމަތިލާން ފަސޭހަ ނޫން ކަމަށެވެ. އެހެން ނަމަވެސް، އަބަދުވެސް އެހެން މީހުންނަށް އިހުތިރާމްކޮށް، ކެތްތެރިވެ، މި ރީތި ކުޅިވަރަށް ލޯބިކުރާ ހުރިހާ ޒުވާނުންނަށް ނަމޫނާ ދައްކަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށް މާފަށް އެދި އޭރު ރޮނާލްޑޯ ވަނީ ފެއާޕްލޭގެ ނިޝާނެއްގެ ގޮތުން އެ ސަޕޯޓަރަށް އޯލްޑް ޓްރަފޯޑަށް މެޗެއް ބަލައިލަން ފުރުބަތު ދޭން ބޭނުންވާ ކަމަށް ބުނެފައެވެ. ފަހުން ރޮނާލްޑޯ ވަނީ އެ ސަޕޯޓަރަށް އެ ފުރުޞަތު ވެސް ހޯދައި ދީފައެވެ.

މި މައްސަލައާއި ގުޅިގެން އިނގިރޭސި އެފްއޭއިން އޭރު ބުނެފައި ވަނީ ކުޅުންތެރިންގެ ޑިސިޕްލިނަރީ ކޮންޑަކްޓާ ހިލާފުވާނަމަ މައްސަލަ ބެލޭނެ ކަމަށާއި އެ ގޮތުން ރޮނާލްޑޯ، އެވަޓަން ސަޕޯޓެއްގެ ފޯން ހަލާކުކޮށްލި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *