ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯލަ މުބާރާތުގެ ގްރޫޕް އެފްގައި ބެލްޖިއަމާއި ކެނަޑާ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ.
ރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ދުނިޔޭގެ ރޭންކިންގެ ދެވަނަ ޓީމްގެގޮތުގައި އޮވެ ވޯލްޑް ކަޕާއި ކުރިމަތިލީ ބެލްޖިއަމާއި ދެކޮޅަށް ވޯލްޑް ކަޕްގައި އެއްވެސް ތަޖުރިބާއެއް ނެތް ކެނެޑާގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކެނެޑާ މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވެފައި ވަނީ 36 އަހަރުގެ މެދެ ކެނޑުމަކަށް ފަހުއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ކެނަޑާއަށް ވަނީ ލިބިފައެވެ. ކެނަޑާއަށް ލިބުނު ކޯނަރަކުން ތަނަވަސް ވީ ފުރުޞަތެއްގައި އެ ޓީމްގެ ބުޗާނަން ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކަރެސްކޯގެ އަތުގައި ޖެހިފައި ބުލޮކްވުމާއި ގުޅިގެން ރެފްރީ ވަނީ ވީއޭއާރުން ބެލުމަށް ފަހު ކެނަޑާއަށް ޕެނަލްޓީ ދީފައެވެ. ނަމަވެސް އެ ޓީމްގެ އަލްފަންސޯ ޑާވިސް ފޮނުވާލި ޕެނަލްޓީ ބެލްޖިއަމްގެ ކީޕަރ ކޯޓުއާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ބަޓްޝުއާޔީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބު ބޭނުން ނުހިފިފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ކެނަޑާގެ އެލިސްޓަރ ޖޯންސްޓަން ފޮނުވާލި ބާރު ހަމަލާ ވެސް ބެލްކިއަމްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބަޓްޝުއާޔީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބެލްޖިއަމްގެ ޑިފެންޑަރ އަލްޑަވެއިރަލްޑް ފަހަތުން ކުޅުނު ދިގު ބޯޅައަކުން ތަނަވަސްވީ ފުރުޞަތެއްގައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ކެނެޑާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ނަމަވެސް ބެލްޖިއަމްގެ ޑިފެންޑަރުން މިހާފުގައި ވެސް ކެނަޑާއަށް ލަންޑެއް ޖެހިޔަ ނުދީ ވަނީ ހިފަހައްޓާފައެވެ.
ވޯލްޑް ކަޕުގައި މިއަދު ކުޅޭ މެޗުތަކަށް ބަލައިލާއިރު، މެންދުރު ފަހު 15:00 ގައި ސްވިޒަލޭންޑް ނުކުންނާނީ ކެމަރޫނާއި ދެކޮޅަށެވެ. މިއަދު ދެވަނަ މެޗުގައި ބައްދަލު ކުރާނީ އުރުގުއޭއާއި ކޮރެއާ ރިޕަބްލިކެވެ. މި މެޗު ފަށާނީ 18:00ގައެވެ. މިރޭ 21:00 ގައި ޕޯޗުގަލް ނުކުންނާނީ ގާނާއާއި ދެކޮޅަށެވެ. މިރޭ ދަންވަރު 0000 ގައި ބްރެޒިލް ނުކުންނާނީ ސާބިއާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!