ރޭ ފެށި ވޯލްޑްކަޕްގެ ޕްރީ ޝޯ އަދި ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މެޗް ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާތަނަށް ވަޑައިގެންފިއެވެ.

ވޯލްޑްކަޕް ފެށުމުގެ ގޮތުން ރޭ ބައްދަލުކުރީ ގަތަރާއި އެކުއެޑޯއެވެ. ނައިބު ރައީސް ފައިޞަލް ވަނީ ތިން ދަރިކަލުންނާއެކު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އިންނަވައި އެ މެޗް ބައްލަވާ ލައްވާފައެވެ. ނައިބު ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އާތިފާއި އަދި އެޗްޑީސީއާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވިއެވެ.

Ad
rt

ރޭގެ މެޗް ބައްލަވާލެއްވުމަށް ނައިބު ރައީސާއި، ތިން ދަރިކަލުން ވަޑައިގަތީ އާޖެންޓީނާގެ ޖާޒީ ތުރުކުރައްވައިގެންނެވެ. އާޖެންޓީނާ އަކީ ނައިބު ރައީސް ސަޕޯޓް ކުރައްވާ ޓީމެވެ.

ނައިބު ރައީސް ތިން ދަރިކަލުންނާއެކު މެޗު ބައްލަވަނީ، ފޮޓޯ: ރައީސް އޮފީސް

ނައިބު، ފައިޞަލް ނަސީމަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ގިނަގުނަ އިޖުތިމާޢީ ޚިދުމަތްތަކެއް ކުރަށްވާފައިވާ، އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ. އިޖްތިމާޢީގޮތުން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ ބިންގާ އެޅިގެން ގޮސްފައިވަނީ، 1986 ވަނަ އަހަރު މެކްސިކޯ ވޯރލްޑްކަޕުގައި، މަރަޑޯނާ މަޝްޢޫރުވެގެން ދިޔަ ދުވަސްވަރު އުފެދުނު ފޯރިއާއި ޖޯޝުގެ ތެރެއިން ކަމަށް މަރަޑޯނާ މިދުނިޔެ ދޫކުރުމުގެ ހިތާމާގައި ބައިވެރިވެ، 25 ނޮވެމްބަރު 2020 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވެއެވެ.

2010 ވަނަ އަހަރު ބޭއްވި ވޯރލްޑްކަޕްގެ ވީޓީގެ ޕްރީ ޝޯގައި، ބައިވެރިވެވަޑައިގެން އެ ޝޯގައި ފައިޞަލް ވިދާޅުވެފައި ވަނީ އެމަނިކުފާނު އާޖެންޓީނާއަށް ކުރަށްވާ ސަޕޯޓަކީ މަރަޑޯނާއަށް ކުރައްވާ ސަޕޯޓް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އިޖްތިމާޢީ ހަރަކާތްތަށް ފެށުމަށް މަގުފަހިވެގެން ދިޔަ މައިގަނޑު އެއް ސަބަބު ކަމަށެވެ.

ފައިޞަލް، އިޖްތިމާޢީ ހަރަކާތްތަށް ފުޓުބޯޅައިން ފެއްޓެވުމުގެ އަސްލަކީ މަރަޑޯނާ

މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާ މެންދުރުފަހު 15:00 ގައެވެ. އެ މެޗުގައި އާޖެންޓީނާ ނުކުންނާނީ ސައޫދީއަރަބިއްޔާއާއި ދެކޮޅަށެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް ސީ ގައެވެ. އެ ޓީމާއެކު ދެން އެ ގްރޫޕްގައި ސައޫދީގެ އިތުރުން ހިމެނެނީ މެކްސިކޯއާއި ޕޮލެންޑެވެ.

މައިހުޅުމާލެ ބޯޅަފޯރި ޕްރީ ޝޯ އަދި ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ސިންތެޓިކް ޓްރެކަށް ވަޑައިގެންނެވުމުން އެކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެއީ ލިބުނު ފަޚުރެއް ކަމަށެވެ.

ގަތަރު ވޯލްޑް ކަޕް 2022 ރޭ ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗްގައި ގަތަރުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-0 ގެ ނަތީޖާއިންނެވެ. މިއަދު މި މުބާރާތުގެ ދެ މެޗެއް ކުޅޭނެއެވެ. މިގޮތުން 18:00 ގައި ފަށާ މެޗްގައި ބައްދަލު ކުރާނީ އިނގިރޭސިވިލާތާއި އީރާނެވެ. 21:00 ގައި ފަށާ މެޗުގައި ބައްދަލު ކުރާނީ ނެދެލެންޑް އަދި ސެނެގާލް އެވެ.