ށ.ފޯކައިދޫގައި އިންޑޯ ޖިމެއް ހުޅުވައިފިއެވެ.

ފޯކައިދޫ ޒުވާނުންގެ މަރުކަޒުގައި ރޭ ހުޅުވި އިންޑޯ ޖިމަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދީފައި ވަނީ ޔޫތު މިނިސްޓްރީގެ ފަރާތުންނެވެ.

Ad
rt

ރޭ ޖިމް ރަސްމީކޮށް ހުޅުވުމުގެ އިތުރުން ޖިމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ވެސް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ. ޖިމް އިންސްޓްރަކްޓަރަކާއި އެކު ޖުމްލަ ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ތެރެއިން ޖިމްގައި ގެންގުޅެން ޖެހޭ އުސޫލްތަކާއި ޖިމްގައި ބޭނުންކުރާ އެންމެހާ ސާމާނުތައް ރައްކާތެރިކަމާއިއެކު ބޭނުންކުރާނެ ގޮތް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖިމް ކޮންމެ ދުވަހަކު ވެސް ހުޅުވާފައި ހުންނައިރު، ޖިމް ބޭނުންކުރާ ފަރާތްތަކުން ގޫގުލް ފޯމެއް މެދުވެރިކޮށް ރަޖިސްޓަރީ ވާން ޖެހެއެވެ. އެ ފޯމު މެދުވެރިކޮށް ޖިމަށް އަންނަން ބޭނުންވާ ވަގުތު ސެލެކްޓް ކުރެވެއެވެ. އެއަށްފަހު އެ ފަރާތެއް ޖިމުގައި ރަޖިސްޓަރީކޮށް ވައިބާ މެދުވެރިކޮށް ޑިޖިޓަލް ފާހެއް ދޫކުރެވެއެވެ. ޖިމަށް ވަދެވޭނީ އެ ފާސް ދެއްކުމުންނެވެ.

ފޯކައިދޫގައި ތަރައްގީކުރި ޖިމް، ފޮޓޯ: ފޯކައިދޫ ކައުންސިލް

މި ޖިމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ވިދާޅުވެފައި ވަނީ ޖިމް ބޭނުންކުރާ ފަރާތްތަކުގެ އަތުން މަހު ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، ނެގުމަށް ހަމަޖެހިފައިވާ އަގު ވެސް ލަސްނުވެ އާންމު ކުރެވިގެން ދާނެ ކަމަށެވެ.

ފޯކައިދޫގައި ތަރައްގީކުރި ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ފޯކައިދޫ ކައުންސިލް

އާސިފް ވަނީ ޖިމް ބޭނުން ކުރުމުގައި އެ ތަނުގެ ސާފްތާހިރުކަން ދެމެހެއްޓުމާއި ތަނުގެ ގަވައިދަށް ފުރިހަމައަށް އަމަލު ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ފޯކައިދޫ ކައުންސިލުން ވަނީ މި ޖިމަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދެއްވި ޔޫތު މިނިސްޓްރީއަށާއި، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްއަށް ޝުކުރު އަދާކޮށްފައެވެ.