ށ. ފޭދޫ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ދިގުލާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ''ތިލަދުން'' އަށް ވިދާޅުވީ، އެރަށުގެ ސްކޫލަކީ މިހާރު 7 ކިލާސް ރޫމް އެކުލެވޭ ސްކޫލެއް ކަމަށެވެ. އަދި އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް، ޖުމްލަ 224 ދަރިވަރުން އުނގެނެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްކޫލްގެ ޖާގައިގެ ދަތިކަމާހުރެ ދެ ދަންފަޅިއަށް ބަހައިގެން މެނޭޖް ނުކުރެވޭ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވި ގޮތުގައި އެރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. އެހެންކަމުން އެ ސްކޫލަށް 8 ކްލާސް ރޫމް އިތުރުކޮށް، މަލްޓިޕާޕަސް ހޯލަކާއެކު އިމާރާޓް ކުރުމުގެ މަސައްކަތް ''ނާސާ ލިންކް'' ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާތާ އަހަރަކާއި ކައިރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

'' އެ މަސައްކަތް އެދެވޭ ގޮތެއްގައި ނުހިނގާތީ ބެލެނިވެރިން ވަރަށް ޝަކުވާ ކުރޭ، އަޅުގަނޑުމެން މިތިބެނީ އެ ޝަކުވާ އަޑުއިވޭ ހިސާބުގައި، މިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީގައި ވެސް އާދޭސް ކުރެވިއްޖެ، އެ މަސައްކަތް ހަވާލުކުރިތާ މި އަންނަ ޑިސެމްބަރަށް އަހަރެއްވާނެ،'' ރައިޝަމް ވިދާޅުވިއެވެ.

ފޭދޫ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ފުރިހަމަކޮށްފައި ވަނީ ފައުންޑޭޝަނާއި، 8 ތަނބުގެ މަސައްކަތް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވޭ، ފޮޓޯ: ފޭދޫ ކައުންސިލް

އޭނާ ވިދާޅުވީ، އަދި އެ މަސައްކަތުގެ ތެރެއިން ނިމިފައިވަނީ ފައުންޑޭޝަންގެ މަސައްކަތާއި، 8 ތަނބު ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި މިވަގުތުވެސް މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފެއް އެރަށުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

''މި މަސައްކަތެއް ނުހިނގާ އިނގޭތޯ، މިއީ ކައުންސިލާއި ބެލެނިވެރިން އިންތިހާއަށް ކަންބޮޑުވާ ކަމެއް، މިނިސްޓްރީން ވިދާޅުވޭ ކޮންޓެކްޓަރު ގެންގޮސް ވާހަކަ ދެކެވި މަސައްކަތް އަވަސް ކުރަން އަންގަމުން އަންނަކަމަށް، އެކަމަކު އެކަމެއް މިތަނަކުން ނުއެއްފެނޭ'' ރައިޝަމް ވިދާޅުވިއެވެ.

ރައިޝަމް ވިދާޅުވީ، އެ މަސައްކަތުގެ އެއްބަސްވުމުގައި ވާގޮތުން އަންނަ ޖެނުއަރީއަށް ތަން ނިންމަންޖެހޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުހިނގާތީ ހުންނެވީ ވަރަށް ބޮޑު މާޔޫސް ކަމެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

ސްކޫލްގެ އިމާރާތްތައް އެޅުމުގެ މަސައްކަތްކުރާ ކުންފުނިން އެރަށުގައި އަޅަމުންދާ އިންޖީނުގޭގެ އިމާރާތްތައް، މި މަސައްކަތްވެސް އެދެވޭ ގޮތެއްގައި ނުހިނގާކަމަށް ކައުންސިލުން ވިދާޅުވޭ، ފޮޓޯ: ފޭދޫ ކައުންސިލް

ރައިޝަމް ވަނީ އެރަށުގެ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހަވާލުވެފައިވާ ކުންފުނިން އެރަށުގައި އެހެން މަސައްކަތެއް ކުރަމުން އަންނަކަން ވެސް ފާހަގަ ކުރައްވާފައެވެ. އެ މަސައްކަތް ވެސް އެދެވޭ ބާރުމިނުގައި ނުހިނގާކަމަށް އޭނާ ވިދާޅުވިއެވެ.

''އެ ކުންފުނިން މިރަށު އިންޖީނުގޭ އާ އިމާރާތް ވެސް އެ އަޅަނީ، ނޮވެމްބަރު 11 އަށް 2 އަހަރުވީ، އަދި ނިމުނީ މަސައްކަތުގެ 85 ޕަސެންޓް'' ރައިޝަމް ވިދާޅުވިއެވެ.