ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބާއްވާ ބޭސިކް ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޑިސެމްބަރ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އުމުރުން 18 އަހަރުވެފައިވާ ދިއްދޫގައި ދިރިއުޅޭ ކަނބަލުންނަށެވެ.

މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ފުރަތަމަ ނަން ނޯޓްކުރާ 30 ބައިވެރިންނަށް އިސްކަން ދެވޭނެ ކަމުގައި އެ ކޮމެޓީން ވަނީ ހާމަކޮށްފައެވެ.

މި ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ސާފް ކުރެއްވުމަށާއި ނަންނޯޓް ކުރެއްވުމަށް (9885644، 7730673، 9545295) މި ނަމްބަރުތަކަށް ގުޅުއްވުމަށް އެ ކޮމެޓިން ވަނީ އެދިލައްވާފައެވެ.

މި ކޯހުގެ ބައިވެރިންގެ އަތުން ނަގާ ފީ ކަނޑައެޅުމަށް ނިންމާފައި ވަނީ ކޯހުގައި ބައިވެރިވާ ނިސްބަތަށް ބަލައިގެންނެވެ.

ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އަންނަނީ އެރަށުގެ އަންހެނުން ބާރުވެރިކޮށް، ފަންނުވެރި ބަޔަކަށް ހެދުމަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އަދި އިޖުތިމާއީ ގޮތުން ރަށުގައި ހިންގާ ކަންކަމުގައި އިސް ސަފުގައި ބައިވެރިވުމުގެ އިތުރުން އެފަދަ ހަރަކާތްތައް ވެސް އަންނަނީ ރާވާ ހިންގަމުންނެވެ.