ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށާނެއެވެ. އަދި އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެ އަތޮޅުގައި ތިން ރޫޓަކުން ދަތުރުތައް ކުރުމަށް މިހާރު ތަވަލުކޮށްފައިވާއިރު، ހަފުތާގެ ހުރިހާ ދުވަސްތަކެއްގައި އާރުޓީއެލްގެ ދަތުރުތައް އޮންނާނެއެވެ. މިގޮތުން ފުރަތަމަ ރޫޓް ގައި ހިމެނެނީ ހިންނަވަރު، ނައިފަރު، ފެލިވަރު އަދި މަޑިވަރެވެ. ދެވަނަ ރޫޓް ގައި ހިމެނެނީ ނައިފަރާއި މަޑިވަރެވެ. ތިންވަނަ ރޫޓްގައި ހިމެނެނީ އޮޅުވެލިފުށި، ކުރެންދޫ އަދި ނައިފަރެވެ.
މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޒޯން 1 ގެ ޚިދުމަތް ފުރަތަމަ ފެށީ ހދ. އަތޮޅުގައެވެ. މިއީ މި ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ވެސް މެއެވެ. ހދ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފެށީ މިއަހަރުގެ ޖޫން މަހުގެ 11 ގައެވެ. އެއަށްފަހު ހއ. އަތޮޅުގައި މިޚިދުމަތް ޖުލައި 3 ވަނަ ދުވަހު ރަސްމީކޮށް ފެށިއިރު، ށ. އަތޮޅުގައި މި ޚިދުމަތް ފެށީ މި ހިނގާ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.
ޒޯން 1 ގެ ޚިދުމަތް "ބޮޑުތިލަދުންމަތި ގުޅާލުން" ރަސްމީކޮށް އިފްތިތާޙް ކޮށްފައި ވަނީ 28 ސެޕްޓެމްބަރު 2022 ގައެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި އެރޭ ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!