2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން، ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރަކު ހިމެނިއްޖެއެވެ.

ޖަލާލުއްދީން ސްކޫލުން ކުރި ޕޯސްޓެއްގައި ވިދާޅުވީ، 2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގެ ފައިނަލް ނަތީޖާއަށް ބަލާއިރު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ 13 ދަރިވަރުންގެ ތެރޭގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި އެ ސްކޫލްގެ 2 ދަރިވަރަކު ހިމެނިފައިވާ ކަމަށެވެ.

Ad
rt

އެ ދެ ދަރިވަރުންނަކީ، އަޙްމަދު ޔާސީން އިބްރަޙީމް އަދި މަރިޔަމް މަނާލް މަމްދޫޙް އެވެ. އެ ދެ ދަރިވަރުން ވެސް ވަނީ އަށް މާދާއިން އޭ ސްޓާ ހޯދާފައެވެ.

''އެހެންކަމުން މި ދަރިވަރުން ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީތަކަށްޓަކައި އެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވަމެވެ. މި ތާރީޚީ އަރުތައިގެ ސިއްރަކީ ތިޔަ ލޭފަވެތި ދަރިވަރުންގެ މިންނެތް މަސައްކަތްތަކެވެ. މުދައްރިސުންގެ އަގުނުކުރެވޭ ގުރުބާނީއެވެ. ބެލެނިވެރިން އަޅުގަނޑުމެންނަށް ކުރެއްވި ފުރިހަމަ އިތުބާރެވެ.'' ޖަލާލުއްދީން ސްކޫލުން ވިދާޅުވެފައިވެއެވެ.

2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން، ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރަކު ހިމެނުނުއިރު، އެ ސްކޫލްގެ އިތުރު ދަރިވަރުންތަކެއް ވަނީ މި އިމްތިހާނުތަކުގައި އިތުރު ރަން ވަނަތަކެއް ހާސިލް ކޮށްފައެވެ. މިގޮތުން ޤައުމީ ގަދަ 10 ގެ 3 ވަނައިގައި ވެސް އެ ސްކޫލް ދެ ދަރިވަރަކު ހިމެނެއެވެ. އެއީ 6 އޭ ސްޓާ އާއި، 2 އޭ ހޯދި މުހައްމަދު އައިމަން އާދަމް އާއި މުޙައްމަދު ސާދިން މޫސާ އެވެ.

މީގެ އިތުރުން ޤައުމީ ގަދަ 10 ގެ 5 ވަނައިގައި 5 އޭ ސްޓާ އާއި 2 އޭ، 1 ބީ ހޯދި އެ ސްކޫލްގެ އިބްރާހީމް މާހިލް އަބުދުﷲ ހިމެނިފައިވާއިރު، 6 ވަނާގައި އެ ސްކޫލްގެ އިނާސް އަޙްމަދާއި، މަރިޔަމް ރައުޝާ އިބްރަޙީމް ވަނީ ހިމެނިފައެވެ. މީގެތެރެއިން އީނާސް ވަނީ 4 އޭ ސްޓާ، 3 އޭ އަދި 1 ބީ ހޯދާފައެވެ. ރައުޝާ ވަނީ 3 އޭ ސްޓާ އަދި 5 އޭ ހޯދާފައެވެ. 3 އޭ ސްޓާ އާއި، 4 އޭ އަދި 1 ބީ ހޯދައިގެން އެ ސްކޫލްގެ ޒަޔާން މުހައްމަދު ޤައުމީ ގަދަ 10 ގެ 7 ވަނައިގައި ހިމެނިފައިވާއިރު، 2 އޭ ސްޓާ، 5 އޭ އަދި 1 ބީ ހޯދައިގެން އެ ސްކޫލްގެ މުހައްމަދު ސިޔާހް ވަނީ ޤައުމީ ގަދަ 10 ގެ 8 ވަނައިގައި ހިމެނިފައެވެ.

2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގައި ހިމެނުނު ޖަލާލުއްދީން ސްކޫލްގެ ދަރިވަރުން، ފޮޓޯ: ޖަލާލުއްދީން ސްކޫލް

އެ ސްކޫލްގެ 2 ދަރިވަރަކު ވަނީ ޤައުމީ ގަދަ 10 ގެ 9 ވަނައިގައި އަދި އިތުރު ދެ ދަރިވަރަކު ވަނީ ޤައުމީ ގަދަ 10 ގެ 10 ވަނައިގައި ވެސް ހިމެނިފައެވެ. ޤައުމީ ގަދަ 10 ގެ 9 ވަނައިގައި ހިމެނުނު ދެ ދަރިވަރުންނަކީ، 2 އޭ ސްޓާ އާއި، 4 އޭ އަދި 2 ބީ ހޯދި އަލީ އައިމަން މުޙައްމަދާއި، 4 އޭ ސްޓާ، 1 އޭ، 2 ބީ އަދި 1 ސީ ހޯދި ޒީޝާން އަބުދުލްވައްޙާބެވެ. ޤައުމީ ގަދަ 10 ގެ 10 ވަނައިގައި ހިމެނުނު ޖަލާލުއްދީން ސްކޫލްގެ ދެ ދަރިވަރުންނަކީ 2 އޭ ސްޓާ، 4 އޭ، 1 ބީ އަދި 1 ސީ ހޯދި މުހައްމަދު ފައިޒާން ފާރިޝް އަދި 1 އޭ ސްޓާ، 5 އޭ އަދި 2 ބީ ހޯދި ރީޝާން އިބްރާޙީމެވެ.

ޖަލާލުއްދީން ސްކޫލަކީ މީގެ ކުރިން ވެސް ޤައުމީ ލެވެލްގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސްކޫލެކެވެ. އެ ސްކޫލުގެ ހިޔަލުން އުނގެނިގެން ނުކުތް އެތައް ދަރިންނެއް ސަރުކާރާއި، ދައުލަތުގެ އެކި ގިންތިތަކުގެ މަގާމުތަކުގައި ގައުމީ ޚިދުމަތުގައި މިއަދު އެބަތިއްބެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި, އޯލެވެލް އަދި އޭލެވެލް ނަތީޖާއިން ވެސް އެންމެ ގިނަ ދަރިވަރުން ގަދަ 10ގައި ހިމެނުނު ފަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ މެއި/ޖޫން މަހު އޯ ލެވެލް އިމްތިހާނު ހެދި 5،955 ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ގަދަ 10 ގައި ހިމެނިފަ އެވެ. މިއީ، މީގެ ތިރީހަކަށް އަހަރު ކުރިން ގަދަ 10 ހޮވަން ފެށި ފަހުން އެ ލިސްޓަށް އެންމެ ގިނަ ދަރިވަރުން އެރި ފަހަރެވެ. ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން އެއްވަނައިގައި 28 ދަރިވަރުން ހިމެނިފައިވެ އެވެ. އަދި އޯ ލެވެލް އާއި އޭ ލެވެލްގެ ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ 37 ދަރިވަރުން ހިމެނުނެވެ. މީގެ އިތުރުން އޯ ލެވެލްގައި 13 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެކި ވަނަތައް ހޯދައިފަ އެވެ.