ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގެ ފިރިހެން ކެޓަގަރީގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީ ޖާގަ ހޯދައިފިއެވެ.

އިއްޔެ ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލު ކޮށްފައި ވަނީ އައްޓޯ އެފްސީއާއި އަތިރިކޮޅު ލެޖެންޑްސްއެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯއެވެ. މި މެޗުގައި އައްޓޯއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ނާހިލް އައްބާސް، އަހްމަދު ސިޒާންގެ އިތުރުން މުޝްރިފް މުޙައްމަދެވެ. މުޝްރިފް ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އައްޓޯގެ ޖޯޒީ ނަމްބަރު 15، އަހްމަދު ސިޒާންއެވެ. އަތިރިކޮޅު ލެޖެންޑްސް ގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު ހުޝާމްއެވެ.

Ad
rt

މި ގްރޫޕްގެ ހުރިހާމެޗެއް ކުޅެ ނިމިފައިވާއިރު ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދާފައި ވަނީ ލަޔަންއެވެ. ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ހޯދައި އައްޓޯ ވެސް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. މި ގްރޫޕުން ކަޓާފައި ވަނީ ތިން މެޗުން ލިބުނު 1 ޕޮއިންޓާއިއެކު ތާވަލުގެ ތިންވަނައަށް ދިޔަ ލާޒިއޯއާއި، ތިން މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ތާވަލުގެ ފުލަށްދިޔަ އަތިރިކޮޅު ލެޖެންޑްސްއެވެ.

އިއްޔެ ގްރޫޕް ބީގެ ފަހު މެޗުގައި ޒީރު ސްޕޯޓްސް ކުލަބުން ވަނީ 3-1 ގެ ނަތީޖާއިން އެސްޕޯޓެސް ޖުވެނިސްގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ސެމީން ޖާގަ ހޯދާފައެވެ. މި މެޗުގައި ޒީރުއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އާސިމް އަލީ، މަންސޫރު މުހައްމަދުގެ އިތުރުން އަލީ ހާފިޒް (ހާއްޕެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ ހާއްޕެއެވެ. އެސްޕޯޓެސް ޖުވެނިސްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އާދަމް އަބްދުﷲއެވެ.

މި ގްރޫޕްގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަހޯދާފައި ވަނީ ޒީރު ސްޕޯޓްސް ކުލަބެވެ. ދެވަނައަށް ދިޔަ ބީޗް ސިޓީއަށް ވެސް ތިން މެޗުން ވަނީ 7 ޕޮއިންޓް ލިބިފައެވެ. ނަމަވެސް އެ ޒީރަށް އެއްވަނަ ލިބެނީ ފައިދާ ގޯލު އިތުރުވުމުންނެވެ. މި ގްރޫޕުން ތިންވަނަ ލިބިފައި ވަނީ ކުޅުނު ތިން މެޗުން 3 ޕޮއިންޓް ލިބުނު އެސްޕޯޓެސް ޖުވެނިސްއެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވި ލެންޓާންއެވެ.

އައްޓޯ އެފްސީއާއި ޒީރު ސްޕޯޓްސް ކުލަބް ބައްދަލުކުރާ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަހެހިފައި ވަނީ މިއަދު ހަވީރު 16:30 ގައެވެ. ލަޔަންއާއި ބީޗް ސިޓީ ސްޕޯޓްސ ކުލަބް ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައެވެ.

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.