2023 ވަނަ އަހަރަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ''ސުމެއްގެ'' ބަޖެޓެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު، ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ ވިދާޅުވީ، ކުރިއަށް އޮތް 2023 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި 43 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންގެ ލާރި އިސްރާފު ކުރުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.

Ad
rt

''ހަމަ ސުމެއްގެ ބަޖެޓެއް. ދިވެހިންގެ ކުރިމަގު، ދަރަނީގެ ދަނތުރައެއްގައި ބަނދެލާނެ ބެޖެޓެއް'' ދުންޔާ ވިދާޅުވެފަވެއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވާއިރު، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮޮތުގައި 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ މިދިޔަ އޮކްޓޯބަރު 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގެ ހަރަދުތައް މައިގަނޑު ހަ ބަޔަށް ބަހާލައިފައި ވާއިރު، އެއީ ސިއްހީ ދާއިރާ އަށް ފަސް ބިލިއަން ރުފިޔާ އާއި އިޖްތިމާއީ ރައްކާތެރި ކަމަށް 3.9 ބިލިއަން ރުފިޔާ އާއި ތައުލީމީ ދާއިރާ އަށް 4.6 ބިލިއަން ރުފިޔާ އާއި ގެދޮރު އިމާރާތް ކުރުމަށް 2.8 ބިލިއަން ރުފިޔާ އާއި ތިމާވެށި ރައްކާތެރިކުރުމަށް ދެ ބިލިއަން ރުފިޔާ އާއި އަދި ސިނާއީ ކުރިއެރުމަށް 10.4 ބިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރުމަށް 5.2 ބިލިއަން ރުފިޔާ އާއި އާންމު ހިދުމަތްތަކާއި ދަރަނި އަދާ ކުރުމަށް 8.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދުތައް ފުއްދުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.