މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި 8 މީހަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އެއަށްފަހު ސިފައިން ވަނީ އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަދެފައެވެ.
''އެ ގޭގައި ދިރިއުޅޭ މީހުންގެ ފަރާތުން އިނގިފައި ވަނީ 9 މީހުން މަދުކަމަށް، މިހާތަނަށް 9 މީހުން ފެނުނު އިރު 8 މީހުން ވަނީ ނިޔާވެފައި، އެކަކު ވަނީ އައިޖީއެމްއެޗްގައި'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
އިތުރު މީހަކު ފެނޭތޯ އަދި ވެސް ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ރޭގައި އަލިފާން ރޯވީ މާލޭ މާފަންނު، ނިރުފެހި ކިޔާ ގެއެއްގެ ތިރީގައި ހުންނަ ގަރާޖެއްގައެވެ. އެ އަލިފާންގަނޑު ވަނީ އެ ގޭގެ ބިދޭސީން ދިރިއުޅޭ ލޭބާ ކުއާޓާގައި ވެސް ރޯވެފަ އެވެ. މި ހާދިސާ ހިނގީ ރޭ 12:27 ހާއިރު އެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަދި ދިވެހި ރެޑްކްރެސެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!