ހަންގޭރީން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކޮށްފި އެވެ.

އެގޮތުން އެ ގައުމުން ދިވެހިންނަށް ކޮންމެ އަހަރަކު ދޭ ސްކޯލާޝިޕްގެ އަދަދު މިހާރުވަނީ 25 އަށް އިތުރުކޮށްފަ އެވެ.

Ad
rt

ރާއްޖޭގެ ތައުލީމީ ދާއިރާއާއި އިގްތިސޯދީ އަދި ކުޅިވަރުގެ ދާއިރާ އިން ހަންގޭރީ އާ އެކު ދިވެހި ސަރުކާރުން މިއަދުވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

އެގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އިގްތިސޯދީ ދާއިރާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ތައުލީމީ ދާއިރާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. ކުޅިވަރު ދާއިރާގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

މި އެއްބަސްވުންތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ ހަންގޭރީން އަހަރެއްގެ މައްޗަށް ދިވެހިންނަށް ދޭ ސްކޯލަރޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުވެގެން ދާއިރު، އެ ބަދަލާ އެކު، 2024 ގެ ނިޔަލަށް ހަންގޭރީން ދިވެހިންނަށް 100 ސްކޯލަރޝިޕް ލިބޭނެ ކަމަށެވެ.

ކުޅިވަރާއި ބެހޭ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތުލީޓުންނަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި، ފުޓްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވި އެވެ. އަދި އިމާރާތްކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދު ތަޖުރިބާތައް ހިއްސާކޮށް، ވިޔަފާރީގެ ފަހި ފުރުސަތުތައް ހޯދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެ އެވެ.

ޝާހިދު ވަނީ ރާއްޖޭން ވިލާތުގެ ގައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށާއި، ވިލާތުގެ ގައުމުތަކަށް ދަތުރުކުރަން ދޫކުރާ އޮން އެރައިވަލް ވިސާ ދިނުމަށް އީޔޫ އަށް ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރައްވާ ކަން މިނިސްޓަރު ސިއާޓޯ ހާމަކުރެއްވުމުން އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހަމަމިއާއެކު ރަޝިއާ-ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން، ޔުކްރައިން ގައި ތާށިވި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ހަންގޭރީން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.